ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް ކަޕް އަންނަ މެއި މަހުގެ 13 ވަނަ ދުވަހު ފަށާގޮތަށް ނިންމައިފި އެވެ.
މިދިޔަ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ބާއްވަން ޝެޑިއުލްކުރި މި މުބާރާތް ކޮވިޑް-19އާ ގުޅިގެން ނުބޭއްވިލަސްވިއިރު، ދެވަނަ ފަހަރަށް މި މުބާރާތް ބޭއްވުމަށް މަސައްކަތްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސްތެރޭގައެވެ. ނަމަވެސް ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުން މުބާރާތް އެންމެ ފަހުން ކެންސަލް ކުރީއެވެ.
ކޮވިޑްގެ ސަބަބަުން މިދިޔަ އަހަރުގެ މުބާރާތް ކެންސަލް ކުރިއިރު، މިއަހަރުވެސް ކޮވިޑް-19 ގެ ހާލަތު އަދި އޮތީ ނާޒުކު ފައްތަރެއްގައެވެ. މިހާރުވެސް ކޮވިޑްގެ ގިނަ ކޭސްތަކެއް ފެންމަތިވަމުން އަންނަ އިރު، މިއަހަރުވެސް މި މުބާރާތް ބޭއްވޭނެ ކަމާއި މެދު ގިނަ ބަޔަކު ޝައްކު އުފައްދައެވެ. އެހެން ކަމުން އަންނަ މެއި މަހު 13 ގައި މުބާރާތް ބާއްވަން ނިންމި ނަމަވެސް މިތާރީޚައް އަދިވެސް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
2006 ވަނަ އަހަރު ބާއްވަން ފެށި ކްލަބް މޯލްޑިވްސް ކަޕްގެ 14 މުބާރާތެއް މިހާތަނަށް ކުޅެފައިވެއެވެ. މިއަހަރު މެއިމަހުގައި ފެށުމަށް ތާވަލްކުރި މި މުބާރާތަކީ ކުލަބު މޯލްޑިވްސް ކަޕްގެ 15 ވަނަ މުބާރާތެވެ. އަދި އަންހެން ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ 11 ވަނަ މުބާރާތެވެ.
އެންމެފަހުން ކުލަބް މޯލްޑިވްސް ކަޕް މުބާރާތް ބޭއްވި 2019 ވަނަ އަހަރުގެ ފިރިހެން ޑިވިޝަނުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ބީއެމްއެލްއެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެވެ.
މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ އެސްޓީއޯ އެވެ. އެޓީމުން ވަނީ ހަތަރު ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންއަށް ބަލާއިރު، މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނެވެ. އެޓީމުން ހަތަރު ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވެއެވެ.
ރާއްޖޭގައި ބޭއްވޭ އެންމް ބޮޑު ފުޓްސަލް މުބާރާތް ކްލަބް މޯލްޑިވްސް ކަޕް އެންމެ ފަހުން ބޭއްވީ ހުޅުމާލެ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ޓާފް ފުޓްސަލް ދަނޑުތަކުގަ އެވެ. 2018 ވަނަ އަހަރުގެ ނިޔަލަށް އެ މުބާރާތް ކުރިއަށްގެންދިޔައީ މާފަންނުގައި އޮންނަ ވެލި ފުޓްސަލް ދަނޑުތަކުގަ އެވެ. ކްލަބް މޯލްޑިވްސް ކަޕަކީ ޓީމުތަކުން ދުރާލާ ތައްޔާރުވަމުން އަންނަ ސަޕޯޓަރުންގެ ތަރުހީބު ބޮޑު މުބާރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް