''ކީކޭ.............. ހަނދާން ނައްތާލާށޭ................ ޒާރާ ............. ތީ އެހާ ފަސޭހަ ކަމެއް ނޫން.............. ހައެއްކަ އަހަރު އަހަރެން މި އިންތިޒާރު ކުރީ ޒާރާ އަށް............ އެވެސް ޒާރާ ފެންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތި............. އެތަން މިތަނުގައި ބިކަ ތެޅެމުން، ބަލި އެނދުގައި ވަގުތު ގުނަމުންވެސް އަހަރެން ޒާރާއަށް އިންތިޒާރު ކުރީން.............. ޒާރާގެ ލޯބި އަހަރެން ބޭނުންވާތީ.............. އަހަރެން ޒާރާ ދެކެ ހަގީގީ ލޯބިވާތީ.............'' އާދިލްގެ އަޑު ބެދިއްޖެއެވެ. އޭނާ ހަމަ ރަނގަޅަށްވެސް ރޯން ފަށައިފިއެވެ. ގިސްލަމުންނެވެ. އެއީ ޒާރާއަށް އަހަން ފަސޭހަ އަޑެއް ނޫނެވެ. އާދިލް އެގޮތަށް ރޯތަން މީގެ ކުރިން ޒާރާއަށް ފެނިފައެވެ ނުވެއެވެ.
''އާދިލް.............'' ޒާރާ ކަންބޮޑުވީ އާދިލްގެ ނޭވާ ކުރުވާން ފެށުމުންނެވެ. ނޭވާ ނުލެވިގެން އާދިލް ތެޅިފޮޅެންފަށައިފިއެވެ. ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓައިގެން ހުރެ ގިސްލަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
ޒާރާގެ ހިތް ކުދިކުދިވި ކަހަލައެވެ. ކިތަންމެ ވަރުގަދަ އަޒުމެއްގައި ހުއްޓަސް އާދިލް ރޯތަން ފެނުމުން ޒާރާގެ ހިތަށް ތަދުވެއްޖެއެވެ.
''އާދިލް............. އާދިލް އަހަރެންދެކެ ލޯބިވަންޏާ......... އަހަރެންގެ އެންމެ އެދުމެއް ފުރިހަމަ ކޮއްދީ............ ވާނެތަ.......'' ޒާރާ ބަލާލީ އާދިލްގެ ލޮލަށެވެ. ޖީބުން ރުމާ ނަގައިގެން އާދިލް ދެލޯފޮހެލިއެވެ. އަދި ޒާރާއާ ހަރަތުކަޅި ހަމަކޮއްލިއެވެ. އާދިލްގެ ލޮލުން ފެންނަނީ ހިތާމައާ ހިތްދަތި ކަމެވެ. އެއްވެސް އުންމީދެއް ނެތް ބެލުމެކެވެ. ކުލަ މަރުވެފައިވާ މޫނުގައި އެއްވެސް ދިރުމެއް ނެތެވެ. ތުންފަތް ތުރުތުރު ލަމުންދަނީ ހިތަށް ލިބެމުންދާ ވޭނުގެ ސަބަބުންކަން ޔަގީނެވެ.
''ކޮންކަމެއް.............. ޒާރާގެ ލޯތްބައްޓަކައި............ އަހަރެން.............. ކޮންމެކަމެއްވެސް ކޮއްފާނަން..........'' އާދިލްގެ އަޑު ބޭރުވީ ނުހަނު އުނދަގުލުންނެވެ. އެހެންނަމަވެސް އެހާލުގައިވެސް އޭނާ ދެއްކީ ސާބިތުކަމެވެ. ބޮލުގައި ރިއްސާވަރުން ކެތްވާވަރެއް ނޫނެވެ. އެހެންނަމަވެސް އާދިލް ހިތްވަރުކުރިއެވެ. އޭނާއަށް ސިއްހީގޮތުން ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތިއެވެ.
''ބުނޭ............ ލަސްނުކުރޭ............. ލަސްކޮއްފިއްޔާ...........ފަހަރެއްގައި އަހަންނަށް ތި ވާހަކަ އަޑުއަހަން ފުރުސަތު ނުލިބިދާނެ............. '' އާދިލް ފުން ނޭވާއެއް ބޭރުކޮއްލަމުން އާދޭހުގެ ރާގެއްގައި ބުންޏެވެ.
''އަހަރެން މަތިން އާދިލް ހަނދާން ނައްތާލަދީ............. ހާލަތަށް އިހްތިރާމް ކުރޭ އާދިލް............ އަހަރެންގެ ދަރިފުޅު ދޫކޮއްލާފަ އެހެން އެއްވެސް ދިމާލަކަށް އަހަންނަކަށް ނުދެވޭނެ.......... މިހާރު އަހަރެންގެ ހުރިހާވެސް އުފަލަކީ އަހަރެންގެ ދަރިފުޅު............... އަހަރެން ދެކެ ލޯބި ވަންޏާ އަހަރެންގެ ހާލަށް އަހަރެން ދޫކޮއްލާ.......އާދިލް ދެކެ އަހަރެން ލޯބި ނުވާތީއެއް ނޫން.......... އެހެންނަމަވެސް މިއަދު އާދިލްގެ ލޯބި ލިބިގަތުމުގެ ފުރުސަތެއް އަހަންނަކަށް ނެތް............'' ޒާރާ އިސްޖަހާލިއެވެ. ހީވާ ގޮތުގައި އާދިލް އާ ހަތަރު ކަޅި ހަމަކުރުމުގެ ކުޅަދާނަކަށް އޭނާގެ ކިބައިގައި އެވަގުތު ނެތީއެވެ.
ޒާރާގެ ނުހަނު ގާތަށް އާދިލް ޖެހިލުމުން ޒާރާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ޒާރާގެ އަތުގައި އާދިލް ހިފަން ދިއްކޮއްލި އަތް ދަމައިގަނެވުނީ ބެލް ޖަހާލި އަޑު އިވުމުންނެވެ.
ދެމީހުނަށްވެސް ލިބުނީ ސިހުމެކެވެ. ދެމީހުނަށް އެއްފަހަރާ ބަލާލެވުނީ ދޮރާ ދިމާއަށެވެ.
ޒާރާ ހާސްވީ އާދިލް ހުރި ހާލު މައިދައިތައަށް ފެނިދާނެތީއެވެ.
''ހާސްނުވޭ.......... ޒާރާގެ މައިދައިތައެއް ނާންނާނެ މިރެއަކު...........'' އާދިލްގެ ޖުމްލަ އިވިފައި ޒާރާ ކަންބޮޑުވެއްޖެއެވެ. މައިދައިތަ ނާންނާނެކަން އާދިލްއަށް އެނގެނީ ކިހިނެތްހެއްޔެވެ. އަނެއްކާ އާދިލް އެއައީ މައިދައިތައަށް ކޮންމެވެސް ކަމެއް ކޮއްފާ ބާވައެވެ.
ޒާރާ ހަމަ ހުރިގޮތަށް ހުރީއެވެ. އާދިލްގެ ކުލަ ފަނޑުވެފައިވާ ތުންފަތުގައި ހިނިތުންވުމެއް ފާޅުވިއެވެ. މާނަ ނޭނގޭ އެ ހިނިތުންވުން ޒާރާގެ ހާސްކަން އިތުރު ކުރުވައިފިއެވެ. ސުވާލުގެ ބެލުމަކުން ޒާރާ އާދިލްއަށް ބަލާލިއެވެ.
''ޒާރާގެ މައިދައިތަ ހިނގައްޖެ ބޭރަށް.......... އަހަރެން މިއައީ އޭނާ ބޭރަށް ފޮނުވާފަ.........'' އާދިލް އަށް ޒާރާގެ ހިތުގެ އަޑު އިވުނު ކަހަލައެވެ. ރުމާލުން މޫނު ސާފުކޮއްލުމަށްފަހު އާދިލް ސޯފާގައި އިށީނދެލިއެވެ. މޫނުމަތިން ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިނަމަވެސް އެ މޫނު ފެންނަ ކޮންމެ މީހަކަށް އާދިލްގެ ހާލު އެނގޭވަރުވެއެވެ.
ޒާރާ ދޮރު ހުޅުވާލީ ބެލް ޖަހާތާ އެތައް އިރެއް ފަހުންނެވެ. ކާއެއްޗިހި ހިފައިގެން އައިސްހުރީ ޖީނާއެވެ. މައިދައިތައެއް ނެތެވެ. މައިދައިތަ ނައުމުން ޒާރާގެ ހިތުގައި ސުވާލު އުފެދުނެވެ.
''މަންމަ ކޮބާ............'' ޖީނާ އެތެރެއަށް ވަނުމުން ތެޅިތެޅިއޮތް ހިތަކާއެކު ޒާރާ ސުވާލުކޮއްލިއެވެ. ޒާރާ ބޭނުންވީ އާދިލް ބުނި ބުނުން ޔަގީން ކުރާށެވެ.
''މެޑަމް މިރޭ ޑޮކްޓަރަށް ދަނީނު............. '' ޖީނާ އެހެން ބުނުމުން ޒާރާ ހަނދާންވިއެވެ. މައިދައިތަ ކުލިނިކަށް ދާވާހަކަ މިއަދު ޒާރާ ގާތުގައި އޮތީ ބުނެފައެވެ. ގަވާއިދުން ކޮންމެ މަހަކު އެއްފަހަރު ކޮލެސްޓްރޯލާ ހަކުރު ޓެސްޓު ހެއްދުމަކީ މައިދައިތަ އަބަދުވެސް ކުރާކަމެކެވެ.
ޖީނާ ކާއެއްޗިހި ބަހައްޓާފައި ނިކުމެގެން ދިޔުމުން ޒާރާ ބަލާލީ އާދިލްއާ ދިމާއަށެވެ. އޭނާ އިނީ އިސް ޖަހާލައިގެންނެވެ. އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ދައްކާނެ ވާހަކައެއް ނެތަފަދައެވެ. ތަނުގައިވާ ހަމަހިމޭންކަން ފުޑުފުނޑު ކޮއްލީ ޒިލީގެ ރުއިމުގެ އަޑުންނެވެ.
ޒާރާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އެހެންނަމަވެސް އޭނާއަށް ހުއްޓެއް މަޖުބޫރުވީ ފަހަތުން އައިސް އާދިލް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.
ޒާރާގެ އަތުގައި ހިފާ އޭނާއާ ގާތަށް ޒާރާ ދަމައިގަތެވެ. އެފަދަ ހަރަކާތެއް އާދިލް ކޮއްފާނެ ކަމަށް ޒާރާ ހުރީ ވިސްނައިގެނެއް ނޫނެވެ. އެހެންކަމުން އާދިލް ދަމައިގަތުމުން ޒާރާގެ ހަށިގަނޑު އައިސް ތަތްވީ އާދިލްގެ މޭގައެވެ. ޒާރާ ކިތަންމެ ގަދަ ހެދި ނަމަވެސް އާދިލްގެ ބާރުގަދަ އަތުގެ ތެރެއިން ޒާރާއަކަށް ދެމިއެއް ނުގަނެވުނެވެ.
ޒާރާއަށް އެއްވެސް ހަރަކާތެއް ކޮއް ނުލެވޭވަރަށް އާދިލްގެ ދެއަތުން ޒާރާގެ ތުނިތުނި ހަށިގަނޑު ވަށާލިއެވެ. ހަޅޭއްލަވައިގަންނަން އޭނާ ކިތަންމެ ބޭނުން ވިނަމަވެސް އެކަން އެގޮތަށް ކުރާކަށް ނުކެރުނެވެ. އާދިލް ދެން އަޅާފާނެ ފިޔަވަޅެއް ނޭނގޭތީއެވެ.
''އާދިލް ........... ދޫކުރޭ............... ހަމަމިހާރު ދޫކޮއްލާ................'' ޒާރާ ގަދަހަދަމުން އާދިލް ކައިރިން ދުރައްދާން މަސައްކަތް ކުރިއެވެ. ޒިލީގެ ރުއިމުގެ ހިނދެއް ހިނދަކަށްވުރެ ދިޔައީ ގަދަވަމުންނެވެ. ޒާރާއަށް އެކަމުން އުނދަގޫވަމުން ދިޔައެވެ. ޒިލީ އެގޮތަށް ރޯއަޑު އެހުމަކީ ޒާރާއަށް ކެތްކުރަން ނުހަނު އުނދަގޫ ކަމެކެވެ.
އާދިލް ކައިރިން ސަލާމަތް ވާން ޒާރާ ކުރި ހުރިހާ މަސައްކަތް ވީ ބޭކާރެވެ. އޭގެ ބަދަލުގައި ޒާރާގެ ހަށިގަނޑު ވަށާލާފައިވާ އާދިލްގެ އަތުގެ ބާރު ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ. ނޭވާލާން އުނދަގޫވާވަޒާރާގެ ހަށިގަނޑު ވަނީ ފިތިފައެވެ.
''ދޫކުރޭ........... ތީ ހާދަ ގޮތެއް ފޮތެއް ނެތް މީހެކޭ ދޯ........... ނީވޭތަ އަހަރެންގެ ދަރިފުޅު ރޯއަޑެއް............'' ޒާރާ ހަޅޭއް ލަވައިގަތެވެ. ޒާރާ ރުޅިގަދަވިއެވެ. ކޮންޓްރޯލް ނުކުރެވޭވަރަށެވެ. އެހެންނަމަވެސް އާދިލްއަށް އެ އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. މައިމީހާގެ ބަލިފަޔަކީ އޭނާގެ މޭގެ އެތިކޮޅުކަމުގައިވާ ދަރިން ކަން އާދިލް އަށް ރަނގަޅަށް އެނގޭ ކަހަލައެވެ.
''ނުކުރާނަން ދުލެއް.............. ޒާރާ އަހަރެން ދޫކޮއްލިޔަސް .......... އަހަރެން ދުވަހަކުވެސް ޒާރާ ދޫކޮށެއް ނުލާނަން........... ލައްކަ ދުވަހު މަށަށް އޮޅުވާލައިގެން އުޅެފީމެއްނު.............. އަހަރެންނަށް އޮޅުވާލި އޮޅުވާލުމުގެ ބަދަލު ހިފާފަ ނޫނީ ދެން ދޫކޮށެއް ނުލާނަން............. އަހަރެންނަށް ނުލިބޭ އުފަލެއް އެހެން އެއްވެސް މީހަކަށް ޒާރާގެ ފަރާތުން ލިބޭކަށް ދެން ފުރުސަތެއް ނުދޭނަން........... އަހަރެންގެ މުޅި ދިރިއުޅުން ނަގާލާފަ............ ހުރިހާ އުންމީދެއް ވަޔަށް ބުރުވާލާފަ ޒާރާއަށް ވަކި އުފަލުގަ އުޅަވިގެން ނުވާނެ............'' އާދިލްވެސް ހަޅޭލަވައިގަތެވެ. ރުޅިވެރިކަމާއެކުގައެވެ. އާދިލް ޒާރާގެ ހަށިގަނޑު އަދިވެސް ބޮޑަށް ގަޔާލާ ފިއްތާލިއެވެ. އޭނާ ހީވަނީ މޮޔަވެފައި ހުރިހެނެވެ. މާނޭވާ ލެވެމުންދާއިރު ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން އޭނާ ޒާރާ ގޮވައިގެން ހިނގައިގަތެވެ. ކޮޓަރިއާ ދިމާއަށެވެ. ޒާރާ ގަދަހަދަމުން ދިޔަނަމަވެސް އާދިލް ޒާރާއާ އެންމެ އިންޗިއެއްވެސް ދުރަކަށް ނުޖެހެއެވެ.
ކޮޓަރީގެ ދޮރާ ހަމައަށް ދެވުނުއިރު ޒާރާގެ ހަށިގަނޑުގެ އެތަން މިތަނުގައި ރިއްސައެވެ. އާދިލް ހިފަހައްޓާފައިވާލެއް ބާރުކަމުންނާއި އެގޮތަށް އާދިލް ގާތުން ދުރައްދާން މަސައްކަތް ކުރުމުގެ ސަބަބުންނެވެ.
''ދޮރު ހުޅުވާ..............'' ޒާރާގެ ހަށިގަނޑު އާދިލްގެ ބާރުގެ ދަށުގައި ގައިދުކޮއްގެން ހުރެ ޒާރާއަށް އަމުރުކުރީ ދޮރު ހުޅުވާށެވެ. އާދިލް ދޮރު ހުޅުވަން ވެއްޖެއްޔާ ޒާރާގެ ގައިން އަތް ދޫކޮއްލަން ޖެހޭތީ އެކަން ޒަރާލައްވާ ކުރުވަން ބޭނުންވީއެވެ.
ޒިލީ ރޮއިރޮއި ގޮސް ހަލާކުވާވަރު ވެއްޖެއެވެ. ގިނައިރު ރުއިމުގެ ސަބަބުން ކުޑަކުޑަ ޒިލީއަށް ގިސްލެވި އެތެރެއަށް ހިނދޭގޮތް ވާން ފަށައިފިއެވެ. ޒާރާއަށް ކެތެއް ނުކުރެވުނެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެހެން އެއްވެސް ކަމަކަށްވުރެ މިވަގުތު ޒާރާއަށް މުހިންމީ އޭނާގެ ދަރިފުޅު ހުއްޓުވުމެވެ.
''ތަޅުލާ................. '' އެތެރެއަށް ވަދެ ދޮރު ލެއްޕުމުން އާދިލް އަމުރުވެރި ރާގެއްގައި ބުންޏެވެ.
''މަންމަ އަންނާނެ .......... އިމްރާން ފުރިފަހުން އަހަރެން ކޮޓަރި ތަޅެއް ނުލަން.............'' ޖެހިލުންވެ ހުރެ ޒާރާ ޖަވާބުދިނެވެ.
''ހެޔޮ............ ދުވަހަކު ތަޅު ނުލިޔަސް މިހާރު ތަޅުލާ.................. '' އާދިލް ހުރީ ހަމަރަނގަޅަށްވެސް މޮޔަވެފައެވެ. އޭނާ އެހާ ރުޅިގަދަވެފައިހުއްޓާ ޒާރާއަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ.
''ދެން ދޫކޮއްލާ......... އަހަރެންގެ ދަރިފުޅު އެއޮއް މަރުވަނީ............ އަހަރެންގެ ކިބައިން ބަދަލު ހިފަން ބޭނުންވިޔަސް އެކުއްޖާފުޅުގެ އެއްވެސް ކުށެއް ނެތެއްނު...............'' ޒާރާއަށް ގިސްލާ ރޮއިގަނެވުނެވެ.
-----------------------------------------------------------------
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 28 ޖަނަވަރީ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް