ހަރުކަށި ފިކުރުގެ މީހުން ތިމަރަފުށީ ސްކޫލް ލެބޯޓަރީ ފަޅާލައި ގޮއްވާލަން ރޭވި

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއާއި ގުޅިގެން ހަރުކަށި ފިކުރުގެ ބަޔަކު މިދިޔަ އަހަރު ތ. ތިމަރަފުށީގައި ހުންނަ ތ. އަތަޮޅު ތައުލިމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުން ދަނިކޮށް އެ ސްކޫލްގެ ...

26 Jan 2021 | 06:57

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއާއި ގުޅިގެން ހަރުކަށި ފިކުރުގެ ބަޔަކު މިދިޔަ އަހަރު ތ. ތިމަރަފުށީގައި ހުންނަ ތ. އަތަޮޅު ތައުލިމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުން ދަނިކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން ރޭވި ކަމަށް ފުލުހުން ބުނެފި އެވެ.

އެމީހުންނާއި ދެކޮޅު އޮޕަރޭޝަން ފުލުހުން ހިންގަން ފެށީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ. މި މައްސަލައިގަ ފުލުހުން އަށް މީހަކު ހައްޔަރުކޮށް އެމީހުން ހުއިފިލަނޑާ ނަގަން ދާ "ނަސާހް 3" ނަމަކަށް ކިޔާ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އެ މައްސަލަގައި މި އަށް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ޕީޖީ އޮފީހަށް އިއްޔެ ވަނީ ފޮނުވާފައި އެވެ. އަދި މިއަދު ވަނީ މި މައްސަލައިގެ ތަފްސީލާއި ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފައި އެވެ.

ފުލުހުން ބުނީ އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން ރޭވި ދުވަސް ކޮޅު ލެބޯޓަރީގެ ކެމިކަލް ގުދަން ފަޅާލައި ވައްކަން ކުރިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. ކުރިން އަޑުފެތުރުނު ގޮތުގައި އެމީހުން ހަމަލާ ދޭން އުޅުނީ އެ ރަށުގައި ބޭއްވި ކުޑަކުދިންގެ ހަވީރަކަށެވެ. އެކަމަކު އޭރުވެސް ފުލުހުން އެ ވާހަކަ ދޮގު ކުރި އެވެ.

ފުލުހުން ބުނީ ހަރުކަށީ ފިކުރުގެ މީހުން އެ ރަށުގެ އުމުރުން 14 އަހަރާއި 18 އަހަރުގެ ކުދިންނަށް އަމާޒު ކޮށްގެން ހަރުކަށި ފިކުރުގެ ތެރެއަށް ވައްދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެމީހުންގެ ސަބަބުން ތިމަރަފުށީ އާންމު ރައްޔިތުންނަށް ގޯނާތައް ކުރިމަތިވެ ބިރުވެރިކަން އުފެދި މުޖުތަމައުގައި ބައިބައިވުން އުފެދިފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް އެގިފައިވާ ގޮތުގައި ހަރުކަށި ފިކުރުގެ މީހުން ވަނީ އެ ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރާއި ގުޅޭ ބައެއް ކްލާސްތައް ނަގައިދީ އޮންލައިން ކްލާސްތަކުގައިވެސް ކުދިން ބައިވެރިކޮށްފައި އެވެ. އަދި ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުވުމާއި އެމީހުންނަށް ތަބާވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށް ދައުވާ ކުރަން ފޮނުވާފައިވަނީ:

އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/ފެހިވިދުވަރު،

އަހްސަން މުހައްމަދު، ތ. ތިމަރަފުށި/ކެނެރީގެ

އަލީ މުނީޒު، ތ.ތިމަރަފުށި/ކެނެރީގެ

މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ

އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ

ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ

އިބްރާހިމް ލޫތު، ނ.ކުޑަފަރި/ރޯޒްމީޑް

އަބްދުﷲ އިމާދު، ރ. މަޑުއްވަރި/ބީޗް ހައުސް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް