ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ދަނީ ރެއިން ފެށިގެން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެލާޓު ނެރެމުންނެވެ. މިއަދު ހެނދުނު 8:30 ން މެންދުރު ފަހު 2:30 އަށް އެ ސަރަހައްދަށް މެޓް އޮފީހުން އޮތީ ވައިޓް އެލާޓު ނެރެފައި އެވެ.
މިވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ. އެހެން ސަރަހައްދުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރަނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.
ވިލާގަނޑުގައި ދެކުނުގެ ސަރަހައްދަށް ގާތްގަނޑަކަށް ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް ނަމަވެސް ވައިގަދަވެ ކަނޑުގަދަ ނުވާނެ ކަމަށެވެ. އެކަމަކު މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އެވެ.
ދިޔަވަރު ބޮޑުވާ ވަގުތު ދެކުނުގެ އަތޮޅަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓް އޮފީހުން ބުނެ އެވެ.
އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް