2021 ޖަނަވަރީ 28 ވަނަ ދުވަހަކީ، 2020 ޑިސެމްބަރ އާއި2020 ގެ ހަތަރުވަނަ ކުއާޓާގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ފެއްކުމުގެ ސުންގަޑިއެވެ. އަދި، 31 ޖަނަވަރީ 2021 ވަނަ ދުވަހަކީ އާމްދަނީން ނަގާ ޓެކުހުގެ 2020 ވަނަ އަހަރުގެ 2 ވަނަ އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ. އެހެންކަމުން ޓެކުހުގެ ސުންގަޑިއަށް ސަމާލުވުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން އިލްތިމާސްކުރެއެވެ.
މި ފަދަ ސުންގަޑިތަކަކީ ވަރަށް ގިނަ ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށްޓަކައި މީރާއަށް ޒިޔާރަތްކުރާ ސުންގަޑިތަކެއްކަން ފާހަގަ ކުރަމުން މީރާއިން ބުނީ، ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން އިޖުތިމާއީ ގައިދުރުކަމާއެކު ޚިދުމަތް ދެމުން ގެންދާތީ ޚިދުމަތް ދޭ ކައުންޓަރުތައް މަދުވާނެ ކަމަށެވެ.
އެހެންކަމުން ޓެކްސް ދައްކާ ފަރާތްތަކުން އެންމެ ފަހު ވަގުތަށް މަޑު ނުކުރައްވައި ދުރާލާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކުމަށް މީރާއިން އެދެއެވެ.
ކޮވިޑްގެ މި ހާލަތުގައި ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް އޮންލައިން ޚިދުމަތް ބޭނުންކުރުމަށް އިސްކަންދިނުމަކީ މީރާއިން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި މީރާއިން ހާމަކުރެއެވެ.
ޖީ.އެސް.ޓީ ސުން ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވާރުޕޭ ނުވަތަ މީރާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް ފަސޭހަ ކަމާއެކު އެކަން ކުރެވޭނެކަން މީރާއިން ފާހަގަކުރެއެވެ.
މި ދުވަސްވަރަކީ ކޮވިޑް-19ގެ ކޭސްތައް ގިނަވަމުންދާ ދުވަސްވަރަކަށް ވާތީ، ޓެކްސް ދައްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، ކުރިމަތިވަމުން އަންނަ ޓެކުހުގެ ސުންގަޑިތަކުގައި ޚިދުމަތް ހޯދުމަށް މީރާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުވާން މީރާއިން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް