ޗައިނާގެ ފަރާތުން މުވާސަލާތީގުޅުމުމަށް ނުރައްކާއޮތްކަމަށް އެމެރިކާގެ އެފްސީސީގެ ކުރީގެ ޗެއާމަން ވިދާޅުވެއްޖެ

ޗައިނާގެ ފަރާތުން އެމެރިކާގެ މުވާސަލާތީގުޅުމުގެ ނެޓްވޯކުތަކަށާއި އިންޓަނެޓުގެ މިނިވަންކަމަށް އޮތް ނުރައްކަލަކީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ކަމާބެހޭ ފަރާތްތަކުން ކުރިމަތިލާން ޖެހޭނެ އެންމެ ބޮޑ...

26 Jan 2021 | 02:25

ޗައިނާގެ ފަރާތުން އެމެރިކާގެ މުވާސަލާތީގުޅުމުގެ ނެޓްވޯކުތަކަށާއި އިންޓަނެޓުގެ މިނިވަންކަމަށް އޮތް ނުރައްކަލަކީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ކަމާބެހޭ ފަރާތްތަކުން ކުރިމަތިލާން ޖެހޭނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް އެމެރިކާގެ 'ފެޑެރަލް ކޮމިޔުނިކޭޝަންސް ކޮމިޝަން'ގެ ކުރީގެ ވެރިޔާ އަޖިތް ޕައި ވިދާޅުވެއްޖެއެވެ.

ރެއުޓާސް އަށް ދެއްވި އިންޓަވިއްއެއްގައި އަޖިތް ޕައި ވިދާޅުވެފައިވަނީ ޗައިނާއިން ދަނީ ފާރަލައި އަދި ސްޕައިކޮށްގެން އިގްތިސާދީ ސިއްރުމައުލޫމާތުތައް ހޯދަމުން ކަމަށާއި މިއީ ކަންބޮޑުވާންޖެހޭ ކަންކަންކަމަށެވެ. މީގެ އިތުރުންވެސް ޗައިނާއިން އެމެރިކާ އަދި އެހެން ގައުމުތަކުގެ ނެޓްވޯކުތަކަށް މަލްވެއާ އިންޖެކްޓް ކުރަމުން ދާކަމަށް ވެދާނެކަމަށާއި އެއީ ކަންބޮޑުވާން ޖެހޭކަމެއްކަމަށް ޕައި ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މިދިޔަ ޑިސެންބަރު މަހު ޗައިނާގެ ހާރިޖީ ވުޒާރާއިން ވަނީ އެމެރިކާގެ މިފަދަ ތުހުމަތުތައް ދޮގުކޮށްފައެވެ.

އެފްސީސީގެ ވެރިޔަކަށް ޕައި ހުންނެވި އިރު، އެވުޒާރާއިން ވަނީ ޗައިނާގެ ޓެކް ކުންފުނިތަކާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން މިދިޔަ އަހަރުގެ ޖޫން މަހު އެވުޒާރާއިން ވަނީ ޗައިނާގެ ހުވާވޭ އަދި ޒެޑްޓީއީ ކޯޕަރޭޝަން އަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައި ރަސްމީކޮށް ކަނޑައަޅާފައެވެ.

މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު އެފްސީސީން ވަނީ ޗައިނާގެ މުވާސަލާތީގުޅުމުގެ އެންމެ ބޮޑު ކުންފުނި ކަމުގައިވާ 'ޗައިނާ ޓެލެކޮމް' އެމެރިކާގައި ހިންގުމުގެ ހުއްދަ ބާތިލުކުރުމުގެ މަސައްކަތް ފަށާފައެވެ. އެ ވުޒާރާއިން މި މަސައްކަތް ފަށާފައި ވަނީ ޗައިނާ ޓެލެކޮމް ހިމެނޭގޮތަށް ތިން ކުންފުންޏެއް އެމެރިކާގައި ހިންގުމުގެ ހުއްދަ ބާތިލު ކުރާނެ ކަމުގެ އިންޒާރު، މިދިޔަ އަހަރުގެ އޭޕްރިލް މަހުގައި ދީފައިވަނިކޮށެވެ. މި އިންޒާރު ލިބުނެ އަނެއް ދެ ކުންފުންޏަކީ 'ޗައިނާ ޔުނިކޮމް އެމެރިކާ' އަދި ޕެސިފިކް ނެޓްވޯކްސް ކޯޕަރޭޝަން' އެވެ.

އެފްސީސީން 2019 ވަނަ އަހަރުގެ މޭ މަހުގައި ވަނީ ޗައިނާގެ މުވާސަލާތީ ކުންފުންޏެއްކަމަށްވާ 'ޗައިނާ މޯބައިލް' އަށް އެމެރިކާގައި ހިންގުމުގެ ހުއްދަ ނުދޭންވެސް ނިންމާފައެވެ.

އެފްސީސީގެ ޗެއާމަންގެ މަގާމަށް ޕައި ކަނޑައަޅާފައިވަނީ، ޓްރަޕްގެ ވެރިކަމުގައި 2017 ވަނަ އަހަރުގައެވެ. ޕައި ވަނީ ޖޯ ބައިޑަން ވެރިކަމާއި ހަވާލު ވި ދުވަހު އެމަގާމުން އިސްތިއުފާ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް