ރެދަނަކީ ކޮން އެއްޗެއް ހެއްޔެވެ؟ ރެދަން ނުވަތަ ބައޯލުމިނަސަންސް އަކީ މޫދުގައި ދިރިއުޅޭ ޕްލޭންކްޓަންސް ނަމަކަށް ކިޔާ ކުދި ދިރުންތަކެއްގެ ސަބަބުން ދިމާވާ ކަމެކެވެ. އަހަރެމެން ރެދަނޭ މި ކިޔާ ބާވަތަކީ ޕްލޭންކްޓަންސްގެ ތެރެއިންވެސް ވަކި ބާވަތަކެވެ. އެއީ ޕްލާންކްޓަންސްގެ ވައްތަރެއް ކަމުގައިވާ ޑައިނޮފްލެޖަލޭޓް ނަމަކަށް ކިޔާ ބާވަތެކެވެ.
ޑައިނޮފްލެޖަލޭޓް އަކީ އޭގެ އަމިއްލަ ބާރެއްނެތި އޮޔެވަރާ އެކު ކަނޑުގައި ދަތުރުކުރާ އެއްޗެކެވެ. އޮއެވަރާއެކު ދަތުރުކުރަމުންދާއިރު އޮއެވަރުގައި އުފެދޭ ބާރަކުން މި ޕްލޭންކްޓަންސްތައް ދިއްލެން މެދުވެރިވެއެވެ. އެހެންކަމުން އޮއެވަރުގައި ބާރު އިތުރުވި މިންވަރަކަށް މި ވައްތަރުގެ ޕްލޭންކްޓަންސްގެ އަލި ގަދަވެ ވިދުން އިތުރުވެއެވެ.
ރެދަނަކީ މިހާރު އެކަނި ލާ އެއްޗެއް ނޫނެވެ. ނުވަތަ ހުޅުމާލޭގައި ނުވަތަ ވާދޫ ގޮނޑުދޮށުގައި އެކަނި އުފެދޭ އެއްޗެއްވެސް ނޫނެވެ. އެހެނެއްކަމަކު އެވެސް ފެންނާނި އެ ބަލަންވެސް ދާ މީހުންނަށްތާއެވެ.
ރެދަނަކީ އިހު ޒަމާނުއްސުރެންވެސް ދިވެހި ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކުގައި ވަކި ދުވަސްވަރަކަށް ފެންނަ ބާވަތެކެވެ. އަހަރެމެންގެ ކާބަފައިންވެސް އޭގެ ވާހަކަ ދައްކާ އުޅޭ އެއްޗެކެވެ. އެހެން ނަމަވެސް އެ ޒަމާނަކީ ކޮންމެ މީހެއްގެ އަތުގައި ފޯނެއް އޮންނަ ޒަމާނެއް ނޫނެވެ. ފެންނަ ހުރިހާ ރީތި މަންޒަރެއް ތަސްވީރެއްގެ ފަދައިން ސޯޝަލް މީޑީއާއަށް ދޫކޮށްލެވެން އޮންނަ ޒަމާނެއް ނޫނެވެ. ރެދަންލާފައި ހުންނަ ރިވެތި މަންޒަރުތަކަކީ އަބަދުވެސް ރާއްޖޭގެ ރަށްރަށުން ވަކި ދުވަސްވަރަކަށް ފެންނަ މަންޒަރުތެކެވެ.
މި ފަހުން ރެދަނުގެ ވާހަކަ މަޝްހޫރުވެފައި މި ވަނީ ހުޅުމާލޭގައި ރެދަންލައި އެތަން ޢާންމުންނަށް ފެނުނު ހިސާބުންނެވެ. ސޯޝަލް މީޑިއާއަށް ޙިއްޞާކުރި ފަހުންނެވެ. އަދި ފުރުޞަތުގެ ބޭނުންހިފައި ފަތުރުވެރިކަން ކުރިއަރުވަން އައު ވަޞީލަތަކަށްވެސް ރެދަން މިހާރު މިވަނީ ވެފައެވެ.
ރެދަނެކޭ އެއްފަދައިން އަދިވެސް ރާއްޖޭގެ ޤުދުރަތީ ރިވެތިކަން ދައްކުވައިދެ އަޖައިބުކުރަނިވި އެތަށް ކަމެއް އެބަހުއްޓެވެ.
ދެން އޮތީ ރެދަނަކީ ނާމާން އެއްޗެއްގެ ގޮތުގައި ދެކޭ ވާހަކައެވެ. އަދި ރެދަން ބަލަންދާ މީހުންނަށް ޖިންނި ފެންނަ ވާހަކައެވެ. ރެދަނަކީ ނާމާން އެއްޗަކަށް މި ވަނީ އަނެއްކާ އިހު ޒަމާނުގައި ދަންވަރު އަރާ ރާ މީރުވާ ބީދައިންވާވައެވެ. ނުވަތަ އިހު ޒަމާނުގައި ދަރާއި ކާއްޓާއި ގިނަ ހިސާބުތަކުގައި ޖިންނި އުޅޭ ގޮތަށް ބާވައެވެ. މީވެސް ވެދާނެ ކަމެކެވެ. އެހެނެއްކަމަކު ދަޅައަށް ނަމާދުނުކޮށް ދެ ނަމާދު ދޭތެރޭ ގޮސް ރެދަން ބަލަން ގޮނޑުދޮށުގައި ތިބޭނަމަ ޖިންނިވެސް ފެނުމަކީ ހިނގައިފާނެ ކަމެކެވެ. އެތަކެއްޗަކީވެސް ދުނިޔޭގައި ލައްވާފައިވާ މަޚުލޫޤުންކަން ކީރިތި ޤުރުޢާނުން ސާބިތުވާން އެބައޮތެވެ. އަދި ދެ ނަމާދު ދޭތެރެއަކީ ޖިންނި ޝައިޠާނުން ދުނިޔެއަށް ފެތުރިގަންނަ ވަޤުތު ކަމާއި އެވަގުތުގައި ކުޑަކުދިންވެސް އަވަހަށް އެތެރެއަށް ލުމަށް އިސްލާމްދީނުގައި ބާރު އަޅުއްވައެވެ. ކަން މިހެން އޮތް އިރު އަނދިރިކަން ފެތުރެން ފަށާއިރަށް ރެދަން ބަލަންގޮސް ތިބޭ ނަމަ މިފަދަ ކަމެއް ނުހިނގާ ނިމުމަކީ ވަރަށް ނާދިރު ކަމެއް ނޫންހެއްޔެވެ؟
އެއްބައި މީހުން ވެހޭ ބޯ ވާރޭ ތެރޭގައި ވެސް ހުޅުމާލެގޮސް ރެދަން ބަލަނީއެވެ. އަނެއްބައި މީހުން ކުޑަ އަޅައިގެންނާއި ވިއްސާރަ ކޯޓުލައިގެން ވެސް ރެދަން ބަލަނީއެވެ. ދެން ތިބި މީހުން ވާރޭ ހިޔަލަކަށް ބޮލުގައި ހެލްމެޓެއް އަޅައިގެން ވެސް ރެދަން ބަލަނީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް