އުދައްޔުގެ މަރުގެ މައްސަލައިގާ ދައުވާކުރި ކުޑަ ކުއްޖާާ ގެއަށް ބަދަލުކުރަން ކުރި އަމުރު ހައި ކޯޓުން ބާތިލް ކޮށްފި

ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ މަރާލާފައިިވާ ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު (17 އަހަރު) ގެ މަރުގެ މައްސަލައިގާ ދައުވާކުރި ކުޑަކުއްޖާ ގެއަށް ބަދަލުކުރަން ކުރި އަމުރު ހައި ކ...

25 Nov 2021 | 13:34

ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ މަރާލާފައިިވާ ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު (17 އަހަރު) ގެ މަރުގެ މައްސަލައިގާ ދައުވާކުރި ކުޑަކުއްޖާ ގެއަށް ބަދަލުކުރަން ކުރި އަމުރު ހައި ކޯޓުން ބާތިލް ކޮށްފި އެވެ.

އުދައްޔުގެ މަރުގެ މައްސަލައިގާ، އެކުޑަކުއްޖާގެ އިތުރުން 4 މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. އެއީ ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ހަމައެރަށު ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.

އޭގެ ތެރޭގައި ހިމެނޭ 18 އަހަރު ނުވާ ކުޑަކުއްޖާ ގޭ ބަންދަށް ބަދަލުކުރީ މި މަހުގެ 2 ވަނަ ދުވަހު އެވެ.

އެ އަމުރު ހައިކޯޓުން ބާތިލުކޮށްފައިމިވަނީ ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދާދި ފަހުން ނިންމާފައި ވާތީ އެވެ.

ހައިކޯޓުން ބުނެފައިވަނީ ކުއްޖާއަށް ތުހުމަތުކުރެވޭ ކުށުގެ އަމަލަކީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގްރޫޕް މާރާމާރީ ހިންގައި އެ ކަމުގެ ސަބަބުން މީހަކު މަރުވެގެން ކޮށްފައިވާ ދައުވާތަކެއް ކަމަށް ވާއިރު، އެ ކުއްޖާއަކީ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއްގެ ތުހުމަތުވާ ކުއްޖެއް ކަމާމެދު ކުއްޖާގެ ފަރާތުން ވެސް އަދި ދައުލަތުން ވެސް ދެބަސް ނުވާ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ އޭގެ ސަބަބުން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ޒާތުގެ އަމަލުތަކެއްކަން ހައި ކޯޓުން ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން އެފަދަ އަމަލެއް ކުރިކަމުގެ ތުހުމަތުކުރެވޭ ކުއްޖެއް ބަންދުން ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް ހައި ކޯޓުން ވަނީ ބުނެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު 8 ވަނަ ދުވަހުގެ ރޭ އުދައްޔުއަށް ހަމަލާދީ މަރައިލި މައްސަލައިގައި ކުޑަކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް