ބ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތުގެ ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމް.ޑަބްލިޔު. އެސް.ސީ) އިން ވިދާޅުވެއްޖެ އެވެ.
މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރަތް ކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި، ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރު.އޯ ޕްލާންޓް ފެބްރިކޭޓް ކުރުމާއި އަދި ބޯހޯލް ތޮރުފުމުގެ މަސައްްކަތްތައް ވަނީ ނިމިފައި ކަމުގައި އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ.
މީގެއިތުރުން، ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައިި 10 ކިލޯމީޓަރުގެ ދިގުު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅި ވަޅުލުމާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއިއަދި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އަދި މި މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައި ކަމުގައި އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 8.0 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތުގެ 100% ވަނީ ނިމިފައެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ލައިން އެޅުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން ކަމުގައި އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ.
ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމުގައި އެ ކުންފުނިން ވިދާޅުވިއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން 540 ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިއަށްގެންދާ 46.30 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް