ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ޚިދުމަތް ދޭން 2010 ވަނަަ އަހަރު ހަވާލުކުރި ދީބާޖާ އިންވެސްޓްމެންޓަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އަދި މައްސަލަ ދިރާސާކުރަމުންދާއިރު ފާހަގަވާ ކަމެއް އޮޅުން ފިލުވަން ނެތްނަމަ ދެން ބާއްވާނީ މި މައްސަލަ ނިންމުމުގެ ޝަރީއަތުގެ މަޖިލިސް ކަމަށެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އޮތީ މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރުންނަށް ފާހަގަ ކުރެވޭ ކަންތައްތަކާ ބެހޭގޮތުން ދެ ފަރާތާ ސުވާލު ކުރުމެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒު އާލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
2010 ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ޚިދުމަތް ދިނުމަށް ހަވާލުކުރިނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ އެއްބަސްވުން 2013 ވަނަ އަހަރު ބާތިލުކޮށްފަ އެވެ.
އެއްބަސްވުން ބާތިލުކުރުމުން ދީބާޖާ އިންވެސްޓްމެންޓުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން ހުކުމް ބުރަވީ ދީބާޖާ އިންވެސްޓްމެންޓާ އެއްކޮޅަށެވެ. އެ ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި ދައުލަތުން ދީބާޖާ އިންވެސްޓްމެންޓަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށެވެ.
އެހެންކަމުން ދައުލަތުގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރުމަށެވެ.
ހައި ކޯޓުގެ ހުކުމް ދީބާޖާ އިންވެސްޓްމެންޓުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބެލުމަށްފަހު 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމް ކުރީ އެއްބަސްވުން އުވާލި މައްސަލައިގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓަށް ބަދަލު ލިބިދޭން ޖެހޭ ކަމަށެވެ.
ނަމަވެސް ދައުލަތުން އެ ހުކުމް ރިވިއު ކުރުމަށް އަލުން އެ ކޯޓަށް ހުށަހެޅުމުން ފަހުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލުކުރުމަށް ނިންމާފަ އެވެ.
ސުޕްރީމް ކޯޓުން، ހައިކޯޓުގެ ނިންމުން ބާތިލުކޮށްފައިވަނީ އިސްތިއުނާފުގެ މުއްދަތު ހަމަވެފައި ވަނިކޮށް މައްސަލަ ހުށަހެޅުމުން ކަމަށްވާތީ ހައިކޯޓުގެ ނިންމުން ދެމެހެއްޓޭނެ ކަމަށް އެ ކޯޓުން މިދިޔަ އޭޕްރީލް މަހު ކުރި ހުކުމްގައި ބުންޏެވެ. އަދި އެ ނިންމުން އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. އެހެންކަމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައިވާ މައްސަލަ ދީބާޖާގެ ފަރާތުން އަނެއްކާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މިއީ މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލާ ތިންވަނަ ފަހަރެވެ. އެ މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ދީބާޖާ އިންވެސްޓުމެންޓުގެ ފަރާތުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އަޑުއެހުމުގައި އިއްވައިފައެވެ. ދީބާޖާ އިންވެސްޓްމެންޓުގެ ފަރާތުން ވަނީ އިސްތިއުނާފީ ހަ ނުކުތާއެއް ހުށަހަޅައިފައެވެ. އިސްތިއުނާފީ ނުކުތާތައް ބޮޑަށް ރިއާޔަތްކޮށްފައި ވަނީ ދައުލަތުން މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ހައިކޯޓުގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ކޮށްފައި އޮތް އޮތުމާ ގުޅޭގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް