ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތަށް ވެމްކޯ އިން ބަދަލު ގެނެސްފި އެވެ.
ވެމްކޯ އިން ބުނީ ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި އުކާލުމުގެ ޚިދުމަތްތަކަށް މިއަަހަރުގެ ސެޕްޓެމްބަރ މަހުގެ 15 އިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަަމަށެވެ.
މިގޮތުން ހުޅުމާލޭގެ އަވަށްތައް ހިމެނޭގޮތަށް، އިމާރާތުގެ އެތެރެއިން ވަކި ފަންގިފިލާތަކުން ކުނި ނެގުމުގެ ޚިދުމަތް އެ ކޯޕަރޭޝަނުން މަތީގައި ބަޔާންކުރެވުނު ތާރީޚުން ފެށިގެން އިއާދަކޮށްފައިވާ ކަމަށް ވެމްކޯ އިން ބުނެ އެވެ.
ނަމަވެސް، ހުޅުމާލެއަށް ގިނަ އަދަދެއްގެ ރައްޔިތުން އާބާދުވަމުންދާ މިދަނޑިވަޅުގައި އެ ކޯޕަރޭޝަން ޚިދުމަތްތައް އިތުރަށް ބައްޓަންކުރުމަށާއި މަސައްކަތްތައް ރުކުރުވާލުމަށްޓަކައި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތު ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވެމްކޯ އިން ބުނެޏެވެ.
މިގޮތުން މިއަހަރުގެ ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގެ ގޭބިސީތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ 18:00 އިން 23:00 އާއި ދެމެދު ކަމަށް ވެމްކޯ އިން ބުންޏެވެ. އަދި ހަވީރު 17:00 އިން ފެށިގެން ތައްޔާރުކޮށްފައިވާ ކުނި ކޮތަޅު ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ކަސްޓަމަރުންގެ އަރިހުން އެދޭ ކަމަށް ވެސް ބުންޏެވެ.
އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކުނި ނެގުމުގެ ޚިދުމަތްތަކަކީ ރެޖިސްޓަރ ކޮށްފައިވާ އަދި ބިލަށް ފައިސާ ދައްކާ ފަރާތްތަކަށް ދޭ ޚިދުމަތެއްކަން ވެމްކޯ އިން ވަނީ ހަނދާންކޮށްދީފަ އެވެ.
އެހެންކަމުން، ވެމްކޯގެ ޚިދުމަތަށް ނުގުޅިވާ ހުރިހާ ކަސްޓަމަރުން ވީއެންމެ އަވަހަށް ކުނި އުކާލުމުގެ ޚިދުމަތަށް ރެޖިސްޓަރ ކުރުމަށް ވެންކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޚިދުމަތަށް ރަޖިސްޓަރ ކުރުމަށް އެދޭ ކަސްޓަމަރުން މިކޯޕަރޭޝަންގެ ވެބްސައިޓް http://www.wamco.com/online އަށް ޒިޔާރާތްކުރުމަށް ފަހު ޚިދުމަތަށް އެދިލެއްވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް