ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސްއަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލަ ނިންމުމަށް މިމަހުގެ 30 ވާ އަންގާރަ ދުވަހަށް އަޑުއެހުމެއް ތާވަލްކޮށްފި އެވެ.
ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން މިމަހުގެ 30 ވާ އަންގާރަ ދުވަހުގެ 8:45 އަށް ތާވަލްކޮށް ޗިޓު ފޮނުވާފައިވާ ކަމުގަ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކޮށްފައި ވަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގަ އެވެ.
ޔާމީންގެ މައްޗަށް އެ ދައުވާ އުފުލީ އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، އެސްއޯއެފްގެ ޗެކަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރިކަމުގެ ކުށުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް