ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ލިބޭ މިންވަރަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް މެމްބަރުން ހަމަވެއްޖެ އެވެ.
އެ ޕާޓީ އުފެއްދުމަށް ހުއްދަދިންތާ ގާތްގަޑަކަށް ދެމަސްދުވަސްތެރޭގައި 5،000 މެމްބަރުންގެ ސޮއި ހޯދާފައިވާ އިރު، އެ ޕާޓީން މިހާރުވަނީ 10،000 މެމްބަރުން ހަމަކޮށްފަ އެވެ.
އެމްއެންޕީއަށް 10,000 މެންބަރުން ހަމަވެފައިވާކަން އިއުލާނު ކުރައްވައި, ކާނަލް ރިޓއަރޑް މުހައްމަދު ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, އެމްއެންޕީއަކީ ކުރިމަގު އުޖާލާ ޕާޓީއެއް ކަމަށެވެ.
"ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10,000 އަށް އިތުރުކުރުމަށް ޓަކައި މަސައްކަތް ކޮށްދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރަން." ނާޒިމް ވިދާޅުވެފައި ވެއެވެ.
https://twitter.com/nazim7878/status/1463543873389543425
އެހެންކަމުން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އެ ޕާޓީއަށް މިހާރު ލިބޭނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 10,000 މެންބަރުން ހަމަކުރުމަށް އެމްއެންޕީން އެކި ދުވަސްމަތިން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް މިހާރުވަނީ ހުށަހަޅާފަ އެވެ. އަދި އެ އަދަދު ހަމަވިކަން ކަށަވަރުކުރުމުގެ މަސައްކަތް އިލެކްޝަނުން މިހާރުއަންނަނީ ކުރަމުން ނެވެ.
އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އެކަން ހާމަކުރާނީ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް