މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓު: މަހިބަދޫއިން ލޮރެންޒޯ ބަލިކުރި އިރު، މެޓްރިކްސް އިން ސްކައިލާރކް ބަލިކޮށްފި

މިހާރުކުރިއަށްދާ މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ ރޭ ކުޅުނު މެޗުތައް މަހުބަދޫ ސްޕޯޓުްސް ކްލަބާއި ކްލަބް މެޓްރިކްސް ކާމިޔާބުކޮށްފި އެވެ. މި މުބާރާތުގައި ރޭ ފުރަތަމަ ކުޅުނީ އަންހެން ޑިވިޝަންގެ މެޗެ...

25 Nov 2021 | 06:18

މިހާރުކުރިއަށްދާ މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ ރޭ ކުޅުނު މެޗުތައް މަހުބަދޫ ސްޕޯޓުްސް ކްލަބާއި ކްލަބް މެޓްރިކްސް ކާމިޔާބުކޮށްފި އެވެ.

މި މުބާރާތުގައި ރޭ ފުރަތަމަ ކުޅުނީ އަންހެން ޑިވިޝަންގެ މެޗެކެވެ. މި މެޗު މަހިބަދޫ އިން ކާމިޔާބުކުރީ ލޮރެންޒޯ އާ ވާދަކޮށް 66 ޕޮއިންޓު 28 ޕޮއިންޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ މަހިބަދޫގެ ގޯލް އެޓޭކަރ މަރިޔަމް މަނާލް އެވެ.

ރޭ ދެން ކުޅުނީ ފިރިހެން ޑިވިޝަންގެ މެޗެކެވެ. މި މެޗު މެޓްރިކްސް ކާމިޔާބުކުރީ ތަފާތުބޮޑު ނަތީޖާއަކުން ސްކައިލާރކް ގެ މައްޗަށް ކުރި ހޯދައިގެން ނެވެ. މެޓްރިކްސް އިން މި މެޗު ކާމިޔާބުކުރީ 51 ޕޮއިންޓު 5 ޕޮއިންޓުން ނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ ކްލަބް މެޓްރިކްސް ގެ އަހްމަދު އަފްޝަން ރަޝާދެވެ.

މި މުބާާރތުގައި މިރޭ ކުޅޭނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ޔުނިޓީ އާއި ގްރީން ސްޓްރީޓްސް އެވެ. މި މެޗު ފަށާނީ 19:45 ގަ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކޭވައިއާރްސީ އާއި ލޮރެންޒޯ އެވެ. މި މެޗު ފަށާނީ 21:30 ގަ އެވެ.

މިއަހަރުގެ މުބާރާތުގައި އަންހެން 9 ޓީމު ބައިވެރިވެފައިވާ އިރު، އެޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ.

ގްރޫޕް އޭގައި ހިމެނެނީ ގްރީން ސްޓްރީޓްސް، ޒެނިތް ސްޕޯޓްސް، ކްލަބް މެޓްރިކްސް، ޝައިނިންގ ސްޓާރ އަދި ޔުނައިޓެޑް ޔުނިޓީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޅުދުއްފުށި ޔީތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ)، ޔޫތް ޔުނަިއޓެޑް، ލޮރެންޒޯ އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގެ ފިރިހެން ބައިގާ ބައިވެރިވެފައިވަނީ ސްކައިލާރކް، ކޭވައިއާރްސީ އަދި މެޓްރިކްސް އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބާއްވާ މި މުބާރާތުގެ މެޗުތައް ބެލުމަށް ހިލޭ ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެޗްޕީއޭގެ ގައިޑުލައިންތަކަށް އިޙްތިރާމު ކުރުމަށް އެދި، ނެޓްބޯލް އެސީސިއޭޝަނުން ބުނީ މެޗު ބެލުމަށް ވަދެވޭނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަކަށް ކަމަށެވެ. އަދި މާސްކު އަޅައިގެން އިޖުތިމާޢީ ގައިދުރުކަމާއެކު ކުޅިބަލަން ތިބުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް