ލ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ޚާއްސަ މަޝްރޫޢެއް ފަށައިފި

ލ. އަތޮޅުގައި ޓުއަރިޒަމް ފުޅާކޮށް، ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ބޭނުމުގައި "ރީ-އިމޭޖިންގ ޓޫރިޒަމް" ނަމުގައި ޔޫއެންޑީޕީގެ އެހީގަައި ޚާއްސަ މަޝްރޫޢުއެއް ލޯންޗުކޮށްފި އެވެ. މި މަޝްރޫޢު ލޯންޗުކޮށ...

25 Nov 2021 | 05:21

ލ. އަތޮޅުގައި ޓުއަރިޒަމް ފުޅާކޮށް، ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ބޭނުމުގައި "ރީ-އިމޭޖިންގ ޓޫރިޒަމް" ނަމުގައި ޔޫއެންޑީޕީގެ އެހީގަައި ޚާއްސަ މަޝްރޫޢުއެއް ލޯންޗުކޮށްފި އެވެ.

މި މަޝްރޫޢު ލޯންޗުކޮށްދީފައިވަނީ ލ. އަތޮޅުގެ ތަޢުލީމީ މަރުކަޒުގައި އެކަމަަށްޓަކައި ބޭޢްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމެވެ.

އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުންނާއި ވިޔަފާރިތައް ޓޫރިޒަމް ރީ-އިމޭޖިންގ އަށް އަހުލުވެރިކުރުމަށްޓަކައި މައިގަނޑު ތިން ގޮތަކަށް މަސައްކަތްކުރެވިގެންދާނެ އެވެ.

އެގޮތުން، ކައުންސިލްތައް ފަތުރުވެރިކަމަށް އަހުލުވެރިކޮށް ތަމްރީނު ކުރުމާއި، ފަތުރުވެރިކަމުގައި ރަށުގައި ހުރި ފުރުސަތުތައް ދެނެގަތުމާއި އެކު،ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކައުންސިލުގެ ހިއްސާ އިތުރުކުރެވިގެންދާނެ އެވެ.

މީގެއިތުރަށް ރަށު ފެންވަރުގައި ފަތުރުވެރިކަމަށް އެއްކުރެވިފައި ހުރި މަޢުލޫމާތާއި ރަށުގެ އާންމު މަޢުލޫމާތާއި ސަޤާފީ ކަންކަން ހިމަނައިގެން ވެބްސައިޓެއް ތަރައްޤީ ކުރުން ހިމެނެ އެވެ.

ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި ޕްރޮޖެކްޓުގެ އެއްބޭނުމަކީ ލާމަރުކަޒީ ޤާނޫނުން ކައުންސިލުތަކަށް ދީފައިވާ ބާރު އެންމެ ފުރިހަމަ ގޮތުގައި ދީގެން ލޯކަލް ޓުއަރިޒަމުގައި ހުރިހާ ޒިންމާއެއް މިނިސްޓްރީގެ އެއްބާރުލުމާއެކު ކައުންސިލްތަކަށް ހޯދައިދިނުން ކަމުގަ އެވެ.

ޑރ. މައުސޫމް ފާހަގަ ކުރެއްވި ގޮތުގައި ލ. އަތޮޅަކީ ޤުދުރަތީ ގޮތުން ރީތި އަދި ވަސީލަތްތައް ފުރިހަމަ އަތޮޅެކެވެ. އަތޮޅުގެ ޤުދުރަތީ ވަސީލަތްތަކުގެތެރޭގައި ކުޅި އާއި ފާތަށް ހިމެނޭކަން ފާހަަގަ ކުރައްވާ ވިދާޅުވީ އެތަންތަނަށް މާ ބޮޑެތި ބަދަލުތަކެއް ނުގެނެސް، އެއިން ފައިދާ ނެރެވިދާނެ ކަމުގަ އެވެ. އަދި ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރެވިދާނެ ކަމުގަ އެވެ.

އެ ރަސްމިއްޔާތުގައި ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވާހަކަ ދައްކަވަމުން ވިދާޅުވީ އަތޮޅަށް ޚާއްސަކޮށްގެން ފެށި ރީ-އިމޭޖިންގ ޓޫރިޒަމުން މީހުން ދިރިއުޅޭ އެގާރަ ރަށަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމުގަ އެވެ.

މީގެ އިތުރުން އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށާއި އެގޮތުން، ޓޫރިސްޓުންގެ ޓިކެޓު އަގުބޮޑުވުމުގެ ސަބަބުން ވައިގެ މަގުންް ދަތުރުކުރުމުގައި ގޮންޖެހުންތައް ދިމާވުން ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން މިކަން ހައްލުކޮށްގެން ނޫނީ ގުދުރަތީ ގޮތުން މުއްސަނދި ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައި އިސްމާއިލް އަލީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހޭސްވެލް އަދި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ މެންބަރުންވެސް ބައިވެރިވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް