ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ. އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10 ޖަހާ އިރަށެވެ.
އެ މައްސަލަ ދައުވާ އިއްވުމާއި ޖަވާބުދާރީވުމުގެ މަރުހަލާގައި މިހާރު އޮތް އިރު، މި ދެ ދައުވާގެ ޝަރީއަތް ފަށާފައިވަނީ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މިދިޔަ ބުދަ ދުވަހުވެސް ވަނީ މި ދެ މައްސަލައިގެ ޝަރީއަތް ބޭއްވުމަށް ކޯޓުން ތާވަލުކޮށްފަ އެވެ. އެކަމަކު އެދުވަހުގެ ޝަރީއަތް ކޯޓުން ވަނީ ކެންސަލް ކޮށްފަ އެވެ. އެއީ ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުންނާއި މޫސުން ގޯސްވުމުގެ ސަބަބުން އެމަނިކުފާނުގެ އެދުމުގެ މަތިން ނެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ކުރިއަށްދާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރުމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހު ތާއީދުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް