ހުއްދަ ނުނަގާ މާލޭގައި މުޒާހަރާ ކުރެވޭ އިސްލާހު އަނބުރާ ކޮމިޓީއަށް

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ. މި އިސްލާހަކީ މާލޭގައި ހުއްދަ ނުނަގައި އެއްވުންތައް ނުބޭއްވޭ ގޮތަ...

25 Nov 2020 | 11:50

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

މި އިސްލާހަކީ މާލޭގައި ހުއްދަ ނުނަގައި އެއްވުންތައް ނުބޭއްވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮވެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހެކެވެ. މި އިސްލާހު ބަދަލު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

މިއައު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓަށް ވޯޓާށް އެހުމުން އެ ރިޕޯޓަށް ތާއީދުކޮށް ވޯޓު ދެއްވީ 25 މެމްބަރުންނެވެ. ރިޕޯޓާއި ދެކޮޅަށް 56 މެމްބަރުން ވޯޓު ދެއްވި އެވެ.

ތަޅުމުން ރިޕޯޓު ފާސްނުމުން އަލުން އިސްލާހު ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލާއިފި އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ކޮމިޓީން ގެނައި ބަދަލުލުތަކުގެ ތެރޭގައި ކޯޓު އަމުރުގެ ދަށުން ކުއްލި އެއްވުން ގާނޫނާ ހިލާފުވާނަމަ ހުއްޓުވޭ ގޮތަށް ހުށަހެޅި އެވެ. ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅުގެ އިންފާރުން ފެށިގެން 100 ފޫޓު ހިމެނޭ ސަރަހައްދަށް އެއްނުވެވޭ ގޮތަށްވެސް އިސްލާހު ހުށަހެޅި އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅޭ ގެކޮޅުގެ އިންފާރުން ފެށިގެން 300 ފޫޓު ހިމެނޭ ސަރައްހަދަށް އެއް ނުވެވޭ ގޮތަށްވެސް އިސްލާހު ހުށަހެޅި އެވެ. އަދި ރިސޯޓުތަކުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ހިމޭނުން ތިބެވޭގޮތް ހަދަން އިސްލާހު ހުށަހެޅި އެވެ. އެ އިސްލާހުތައް ހުށަހެޅި ވަގުތުވެސް ގިނަ މެމްބަރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މާލޭގައި އެއްވުން ކޮންޓްރޯލް ކުރަން ގާނޫނަށް އިސްލާހު ގެނައީ އޭރުގެ އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއި އާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް