ކޯވިޑް ވެކްސިން ރާއްޖެއަށް ގެނައުމާއި މެދު ރައީސް ނަޝީދުގެ ކަންބޮޑުވުމެއް!

ކޯވިޑް-19 ގެ ވެކްސިން ރާއްޖެއަށް ހޯދުމުގައި ވެންޓިލޭޓަރު ގެންނަން އުޅުނު އިރު ކަން ހިނގާދިޔަ ގޮތަށް ކަންކަން ނުވާނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެނ...

25 Nov 2020 | 07:33

ކޯވިޑް-19 ގެ ވެކްސިން ރާއްޖެއަށް ހޯދުމުގައި ވެންޓިލޭޓަރު ގެންނަން އުޅުނު އިރު ކަން ހިނގާދިޔަ ގޮތަށް ކަންކަން ނުވާނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ސުވާލު ކުރުމުގެ ވަގުތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ގައްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަަރު އަހުމަދު ޒާހިރު، ހެލްތް މިނިސްޓަރަށް ކުރެއްވި މި ސުވާލުގެ ޖަވާބު ހޯދަން އެދިވަޑައިގެންފައި އޮތީ ލިޔުމުންނެވެ.

ނަޝީދު ވިދާޅުވީ ވެކްސިންގެ ކަންކަން ވެންޓިލޭޓަރަށް ވީގޮތަށް ވިޔަ ނިދުއުމަށް މިހާރުން ފެށިގެން މަސައްކަތް ކޮށް އެކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވެންޓިލޭޓަރަށް ވީހެން ވެކްސިނަށް ވެއްޖެ ނަމަ އެއީ ވަރަށް ހައްސާސް މައްސަލައަކަށް ވެގެން ދާނެ ކަމަށެވެ.

ނަޝީދު އެ އިޝާރާތް ކުރެއްވީ ކޯވިޑާއި ގުޅިގެން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި ވެންޓިލޭޓަރު ގެންނަން ހަވާލު ކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ކުރެވިފައިވާ ތުހުމަތާއި ގުޅިގެންނެވެ. އެ ކުންފުންޏަށް ގެންނަން ހަވާލު ކުރި ވެންޓިލޭޓަރުތައް އަދިވެސް ގެނެވިފައި ނުވާއިރު މި މައްސަލައިގަ ރައީސްގެ އެދިވަޑައިގެންނެވުމަށް އޭރު ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.

ހެލްތް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން މީގެ ކުރިން ބުނީ ރާއްޖެއަކީ ޑަބްލިއުއެޗްއޯއިން ސިއްހީ ދާއިރާ ކުރިއެރުވުމަށް އެހީވެދޭ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމަކަށް ވާތީ އެ ޖަމިއްޔާއިން ހުއްދަދޭ ކޯވިޑްގެ ވެކްސިނެއް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ލިބޭނެ ކަމަށެވެ. އެޗްއީއޯސީން ވަނީ ހިލޭ ލިބޭ ވެކްސިން ދޭނެ މީހުންވެސް ކަނޑައަޅާފައި އެވެ.

އެގޮތުން ހިލޭ ލިބޭ ވެކްސިން ދޭނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ދާއިރާގެ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް