ދިރާގުގެ ލައިފްސްޓައިލް އެޕް "ނައުއެމްވީ" މެދުވެރިކޮށް ހިލޭ ސާބަހަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކަށް އެހީދެވޭ ގޮތް ހަދައިފި އެވެ.
ދިރާގުން ބުނީ އެ އެޕް މެދުވެރިކޮށް އެ ޖަމިއްޔާތަކަށް އެހީދިނުމުގެ އިތުރުން ޖަމިއްޔާތަކުން ހިންގާ ފައިސާ ހޯދުމުގެ ހަރަކާތްތަކަށް ފައިސާގެ އެހީ އެޕް މެދުވެރިކޮށް ދެވޭނެ ކަމަށެވެ. ނައުއެމްވީ މެދުވެރިކޮށް ފައިސާގެ އެހީ ދެވޭނީ ދިރާގުޕޭ މެދުވެރިކޮށެވެ.
ދިރާގުން ބުނީ އެ އެޕްގައި ހަތަރު ޖަމިއްޔާއެއް ލިސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ޓައިނީ ހާޓްސް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމިއްޔާ، އެހީ ޖަމިއްޔާ އަދި އާކް އެވެ.
މިހާރު އެ ޖަމިއްޔާތުން ކުރިޔަށް ގެންދާ ފައިސާ ހޯދުމުގެ ހަރަކާތެއް ކުރިޔަށްދާތީ އެޕް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތާ އިތުރު ޖަމިއްޔާތަށް ލިސްޓުކޮށް އެހީ ދިނުމުގެ މަގު ފަހިވާނެ ކަމަށް ދިރާގުން ބުނެ އެވެ.
މި ހިދުމަތާއި ގުޅޭގޮތުން ދިރާގު މެނޭޖާ ބިޒްނަސް ޑިވަލޮޕްމެންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ ކޯވިޑް-19 ގެ މިހާލަތަކީ މިފަދަ ޖަމިއްޔާތަކަށް އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އެގޮތުން ގިނަ އެން.ޖީ.އޯ ތަކުގެ މަސައްކަތްތަކަށް ފަންޑްރައިޒް ކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައި ވާކަމަށް ޝިނާއު ވިދާޅުވި އެވެ.
"ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވީ އެން.ޖީ.އޯ ތަކާ އަމިއްލަ ފަރާތްތަކާ ގުޅުވާލަދީ، އަމިއްލަ ފަރާތްތަކުން، އެފަރާތްތައް ސަޕޯޓްކުރަން ބޭނުންފުޅުވާ ކަމަކަށް ނުވަތަ އެން.ޖީ.އޯ އަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ކޮށްދިނުމަށް. މީގެ އިތުރުން، އެން.ޖީ.އޯ ތަކުން ކުރާ މަސައްކަތްތަކީ ކޮބާކަން ދެނެގަނެ، އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންވާ އެން.ޖީ.އޯ ތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމްކުރުމަށް،" ޝިނާއު ވިދާޅުވި އެވެ.
ނައުއެމްވީ މޮބައިލް އެޕަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗާސްތައް ހިމެނޭ އެޕްލިކޭޝަނެކެވެ. ނަމާދު ގަޑިތަކާއި، މީރު ކާއެއްޗެހީގެ ރެސިޕީތަކާއި، ދިރިއުޅުމުގެ އެކި ކަންކަމާބެހޭ ހަބަރުތަކާއި، މުހިންމު ކަންތައްތަކަށް ރިމައިންޑާ ސެޓް ކުރުން ފަދަ ކަންތައްތަކަކީ ފޯނުން ނުވަތަ ޑިޖިޓަލް ޑިވައިސްތަކުގައި ހުންނަ ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ކޮންމެ މީހަކު ކޮށް އުޅޭ ކަންތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް