ޗެމްޕިއަންސް ލީގް: ޔުވެންޓަސް ގަދަ 16 އިން ޖާގަހޯދިއިރު، ރޮނާލްޑޯއަށް ރެކޯޑެއް !

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ހަންގޭރީގެ ފެރެންކޮވަރޮސް ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ގަދަ16 ގެ ޖާގައެއް އިޓަލީގެ ޔުވެންޓަސްއިން ކަށަވަރުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ފެރެންކޮވަރ...

25 Nov 2020 | 04:38

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ހަންގޭރީގެ ފެރެންކޮވަރޮސް ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ގަދަ16 ގެ ޖާގައެއް އިޓަލީގެ ޔުވެންޓަސްއިން ކަށަވަރުކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ފެރެންކޮވަރޮސް އާއި ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފެރެންކޮވަރޮސްއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ މީރްޓޯ އުޒުނީވަނީއެވެ. ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ35 ވަނަ މިނެޓުގައެވެ. ޔުވެންޓަސްއަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދީ ރޮނާލްޑޯ ވަނީ ހޯމް މެޗުތަކުގައި 70 ލަނޑު ކާމިޔާބުކޮށް ބާސާއަށް ކުޅޭ އޭނާއާއި އެންމެ ވާދަވެރި މެސީގެ ހޯމް މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ.

މެޗުން ޔުވެންޓަސް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.

ރޭގެ މި މޮޅާއި އެކު 9 ޕޮއިންޓާއި އެކު ގްރޫޕް ދެވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ބުރަށް ޔުވެންޓަސް ދަތުރުކުރި އިރު، ބާސެލާނާ ވަނީ މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް