ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ގަދަބާރު ބާސެލޯނާއިން އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާއި ނުލާ ރޭ ޑައިނަމޯ ކީވްއާއި ދެކޮޅަށް ކުުޅުނު މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފިއެވެ.
ޑައިނަމޯ ކީވްއާއި ދެކޮޅަށް އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 0-4 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަނަމަވެސް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެ ނިމުނު ނަމަވެސް މެޗުގެ ފަހުހާފަށް ކުޅެން ނިކުމެ ބާސާއިން ވަނީ ފުރަތަމަ ހާފާއި ޚިލާފަށް އެޓީމުގެ ކުޅުން މާ ބޮޑުތަނުންވެސް ރަނގަޅު ކޮށްފައެވެ. އެގޮތުން ފަހުހާފު ފެށިގެން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބާސާއިން ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ.
މެޗުގެ 52 ވަނަ މިނެތުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ސާޖީނޯ ޑެސްޓެވެ. އޭގެ ފަސްމިނެޓު ފަހުން އޮސްކާ މިންގުއޭޒާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސާއަށް ލީޑު ފުޅާކޮށްދިނީ އެޓީމަށް ކުޅެމުން އަންނަ ޑެންމާކުގެ ތަޖުރިބާކާރު ފޯވާޑް މާޓިން ބްރެއިތްވެއިޓް އެވެ. ބާސާގެ ތިންވަނަ ލަނޑަކީވެސް ބްރެއިތްވެއިޓް ކާމިޔާބުކޮށްދިން ލަނޑެކެވެ. ޑައިނަމޯ ކީވްގެ ޑިފެންޑަރަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި މިލަނޑު ބްރެއިތްވެއިޓް ކާމިޔާބުކޮށްފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ.
ބާސާއިން މެޗުގައި ޖެހި ފަހުލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގައި ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.
މިގުރޫޕުގެ ދެވަނަ މެޗުގައި ފެރެންކްވަރޮސް އަތުން ޔުވެންޓަސް 1-2 އިން މޮޅުވެފައެވެ. ރޭގެ މެޗުން މޮޅުވެ 12 ޕޮއިންޓާއެކު ބާސާ މިގުރޫޕުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި ޔުވެންޓަސް އޮތީ 9 ޕޮއިންޓާއެކުގައެވެ. މި ދެޓީމުވެސް ވަނީ ގަދަ 16 އިން ޖާގަ ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް