ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފަހުވަގުތު އޮލިވަރ ޖިރޫޑް ކާމިޔާބުކޮށްދިން ލަނޑާއެކު ރެނެސް އަތުން މޮޅުވެ މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ޗެލްސީ ކަށަވަރުކޮށްފިއެވެ.
ރެނެސްއާއި ދެކޮޅަށް ކުޅުނު މި މެޗު ޗެލްސީ ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ އެޓީމަށް ލީޑުނަގައިދިނީ މެޗުގެ 22 ވަނަ މިނެޓުގައި ހަޑްސަން އޮޑޯއި އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މޭސަން މައުންޓް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
މި ލަނޑާއި އެކު ޗެލްސީ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް މެޗުގެ 85 ވަނަ މިނެޓުގައި ރެނެސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބެންޖަމިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖިރެސީއެވެ.
ޗެލްސީއަށް މެޗުގައި ތިން ޕޮއިންޓް ކަށަވަރުކޮށް ނޮކްއައުޓް ސްޓޭޖްގެ ޖާގައެއް ކަށަވަރުކޮށްދިން ލަނޑު ޖިރޫޑް ކާމިޔާބުކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ބޮލުން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެނެވެ.
މި ގްރޫޕުގައި ރޭޭ ކުޅުނު ސެވިއްޔާވެސް ވަނީ ކްރަސްނޮޑާރް އަތުން މޮޅުވެ މުބާރާތުގެ ނޮކްއައުޓް ސްޓޭޖަށް ދަތުރުކޮށްފައެވެ. ރޭ ކްރަސްނޮޑާރްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ސެވިއްޔާ ވެސް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
މި ގުރޫޕުގެ އެއްވަނައިގައި ޗެލްސީ 10 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި ސެވިއްޔާވެސް އޮތީ 10 ޕޮއިންޓާއެކުއެވެ. ޗެލްސީއަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ތާވަލުގެ ހަތަރު ވަނައިގައި ކްރަސްނޮޑާރްވެސް އަދި ފަސްވަނައިގައި ރެނެސްވެސް އޮތީ އެންމެ ޕޮއިންޓަކާއި އެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް