އޭސިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީން މިހާރު ކުރިޔަށްގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލް ބުރުގެ ވޯޓްލުން މިއަދު ހެނދުނު ފެށިއްޖެއެވެ.
"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލް ބުރުގެ ވޯޓްލުން މިއަދު ހެނދުނު ފެށުނު އިރު، ފައިނަލް ބުރުގައި ވާދަކުރަނީ ރާއްއްޖޭގެ ފުޓްބޯޅަ ރަސްގެފާނު އަލީ އަޝްފާގް ދަނގަޑޭ އާއި ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއުއެވެ.
އަޝްފާގަށް ވޯޓުލުމަށް މި ލިންކަށް ފިއްތާލައްވާ!
ރާއްޖޭގައި ބްރެކެޓް ޗެލެންގެ ފޯރިގަދަވެ ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް މީސްމީޑިއާގައިވެސް އަދި އެހެނިހެން ގޮތްތަކުންވެސް އެންމެ ބޮޑަށް ކެމްޕޭނުކޮށްފައިވަނީ ކުއާޓާފައިނަލުން ފެށިގެންނެވެ. ފޭސްބުކާއި ޓްވިޓާގައި އަދި އާއިލީ ވައިބާ އާއި ވަޓްސްއެޕް ގުރޫޕުތަކުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކޮށްފައެވެ.
އެންމެފަހުން ނިމުނު މި ޗެލެންޖުގެ ކުއާޓާފައިނަލާއި ސެމީފައިނަލުގައި އަޝްފާގަށް ލައްކައިން ވޯޓު ލިބުނު ކަމަށް އޭއެފްސީން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ފައިނަލް ބުރުގައިވެސް ގިނަ ވޯޓުތަކެއް ލިބޭނެކަމަށް ބެލެވެއެވެ. އެއީ ގިނަ ބަޔަކު އަޝްފާގަށް ތާއީދުކޮށް ކެމްޕެއިން ކުރަމުންދާތީއެވެ.
ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ. މި ދެ ބުރު ފަހަނައަޅައި ދަގަނޑޭ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދިވެހި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްބައިވެގެން ކުރި މަސައްކަތުންނެވެ. އެގޮތުން އަޝްފާގްއަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގު" ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބާ ގްރޫޕް އެއް ވަނީ ހުޅުވާފައެވެ. މި ގްރޫޕުންވެސް ފައިނަލާއި ގުޅޭގޮތުން ސަޕޯޓަރުންނާއި ގުޅިގެން ކަންކަން ކުރުމަށް ވަނީ ރާވާފައެވެ.
އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިޔަށްދާ މި ޗެލެންްޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ. މިމެޗުގައި ދަގަނޑޭ ވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ.
މިއަދު ހެނދުނު ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އޭއެފްސީގެ ވެބްސައިޓް މެދުވެރިކޮށް އަޝްފާގަށް ވޯޓުލުމުގެ ފުރުސަތު ލިިބިގެންދާނެއެވެ. ވޯޓުލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 29 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް