އެމްއެންޔޫއިން ޕާކިސްތާނުގެ ފަސް ޔުނިވަރސިޓީއަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

25 Oct 2026 | 09:50
ޕާކިސްތާނުގެ ޔުނިވާސިޓީތަކާއި އެކު އެއްބަސްވުންތަކުގައި ސޮއި ކުރަނީ -- ފޮޓޯ: އެމްއެންޔޫ

ޕާކިސްތާނުގެ ޔުނިވާސިޓީތަކާއި އެކު އެއްބަސްވުންތަކުގައި ސޮއި ކުރަނީ -- ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ވަނީ ޕާކިސްތާނުގެ ފަސް ޔުނިވަރސިޓީއަކާއެކު ތަޢުލީމީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މި މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ހަޔަރ އެޑިޔުކޭޝަން ކޮމިޝަން (އެޗް.އީ.ސީ) ގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ ދެޤައުމުގެ ތަޢުލީމީ ދާއިރާއަށް އައު ފުރުޞަތުތަކެއް ހުޅުވައިލި ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ.

މި ރަސްމިއްޔާތުގައި އިސްލާމްއާބާދާއި އެ ސަރަޙައްދުގައި ހުންނަ އެކި ޔުނިވަރސިޓީތަކުގެ ވައިސް ޗާންސަލަރުންނާއި އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ މިހާރު ޤާއިމުވެފައިވާ ތަޢުލީމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، އައު ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަގުފަހިކުރުމެވެ.

އެމް.އެން.ޔޫގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ވައިސް ޗާންސަލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއެވެ. އެމް.އެން.ޔޫއާއެކު އެއްބަސްވުންތަކުގައި ސޮއިކުރި ޕާކިސްތާނުގެ ޔުނިވަރސިޓީތަކަކީ:

  1. ނޭޝަނަލް ޔުނިވަރސިޓީ އޮފް ސައިންސަސް އެންޑް ޓެކްނޮލޮޖީ (NUST)

  2. ޕީ.އެމް.އޭ.އެސް-އަރިޑް އެގްރިކަލްޗަރ ޔުނިވަރސިޓީ ރާވަލްޕިންޑީ

  3. ޔުނިވަރސިޓީ އޮފް ވާ

  4. ގަވަރމަންޓް ކޮލެޖް ޔުނިވަރސިޓީ ލާހޯރ

  5. ފައުންޑޭޝަން ޔުނިވަރސިޓީ އިސްލާމްއާބާދު

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޗް.އީ.ސީގެ ޗެއަރމަން ޕްރޮފެސަރ ޑރ. ނިޔާޒް އަޙްމަދު އަޚްތަރު، ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ތަޢުލީމީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ވަކިން ޚާއްޞަކޮށް، ގުޅިފައިވާ ދިރާސާތައް ކުރުމާއި، މުދައްރިސުންނާއި ދަރިވަރުން ބަދަލުކުރުމާއި، ތަޢުލީމީ ކޮންފަރެންސްތަކާއި ސެމިނާރުތައް ބޭއްވުމުގެ އިތުރުން ޖޮއިންޓް އަދި ޑުއަލް ޑިގްރީ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްގެ ވާހަކަފުޅުގައި، އެޗް.އީ.ސީގެ ޗެއަރމަން ދެއްވި ދަޢުވަތަށާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި އެމް.އެން.ޔޫއާއެކު ގުޅުން ބަދަހިކުރުމަށްޓަކައި ޔުނިވަރސިޓީތަކުގެ އިސްވެރިން އެއްތަނަކަށް ޖަމާކޮށްދެއްވުމަށް އެމަނިކުފާނު އިސްނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރާއި، ދެޤައުމުގެ ތަޢުލީމީ ގުޅުން ބަދަހިކުރުމަށް ޕާކިސްތާން ހައިކޮމިޝަނުން ދެއްވާ އެއްބާރުލުންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުގެ ތަޢުލީމީ އިދާރާތަކާއެކު އެމް.އެން.ޔޫއިން ޒަމާނުއްސުރެ ބާއްވަމުން އަންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން، ރިފާ އިންޓަރނޭޝަނަލް ޔުނިވަރސިޓީއާއި، ކޮމްސެޓްސް ޔުނިވަރސިޓީ އިސްލާމްއާބާދު ފަދަ މުއައްސަސާތަކާއެކު ކުރެވިފައިވާ ކާމިޔާބު މަސައްކަތްތައް ޑރ. ޝެހެނާޒް ފާހަގަކުރެއްވިއެވެ. އަދި މިފަދަ އެއްބަސްވުންތަކުގެ އަސްލު ބޭނުމަކީ ހަމައެކަނި ސޮއިކުރުން ނޫން ކަމަށާއި، އޭގެ ޢަމަލީ ނަތީޖާ ދަރިވަރުންނާއި މުޖުތަމަޢަށް ފެންނަންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ފަސް އެއްބަސްވުމުގެ ސަބަބުން ދިރާސާކުރުމާއި، މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި، މުވައްޒަފުންނާއި ދަރިވަރުން ބަދަލުކުރުމުގެ އިތުރުން މަޢުލޫމާތާއި ހުނަރު ބަދަލުކުރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެއެވެ. ޑރ. ޝެހެނާޒް އިތުރަށް ވިދާޅުވީ، ޕާކިސްތާނުގެ ޔުނިވަރސިޓީތަކުގެ ތަޖުރިބާގެ ފައިދާ އެމް.އެން.ޔޫއަށް ލިބޭ ފަދައިން، ފަތުރުވެރިކަމާއި،ކަނޑުގެ ސައިންސާއި، ތިމާވެށީގެ ދާއިރާ އަދި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރާއްޖޭގެ ތަޖުރިބާ ޕާކިސްތާނަށް ހިއްސާކުރެވޭނެ ކަމަށެވެ.

މި މަސައްކަތަކީ އެމް.އެން.ޔޫގެ "ސްޓްރެޓީޖިކް ޕްލޭން 2026-2030" ގައި ހިމެނޭ ތަޢުލީމީ ފެންވަރުރަނގަޅުކުރުމާއި، ދިރާސާ އަދި އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވުނު މަސައްކަތެކެވެ.

އެމް.އެން.ޔޫގެ އުންމީދަކީ މި އެއްބަސްވުންތަކުގެ ޒަރީޢާއިން ދެޤައުމުގެ ދަރިވަރުންނަށާއި، ދިރާސާވެރިންނަށާއި މުޖުތަމަޢަށް ފައިދާހުރި ދެމެހެއްޓެނިވި ގުޅުމެއް ބިނާކުރުމެވެ. މި ގުޅުންތަކުގެ ސަބަބުން ދެޤައުމުގެ ތަޢުލީމީ ދާއިރާއަށް ކުރިއެރުން ލިބި، ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީން އުންމީދުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް