އެމްއެންޔޫއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ރިޕޯޓް 2025 ނެރެފި

26 Oct 2026 | 09:56
ފޮޓޯ: އެމްއެންޔޫ

ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، ޒިންމާދާރުކަމާއެކު އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ ހިއްސާ ހާމަކޮށްދޭ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2025" މިއަދު ރަސްމީކޮށް ނެރެފިއެވެ. މި ރިޕޯޓު ނެރެދެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

ޔުނިވަރސިޓީގެ ސެނެޓުން ރަސްމީކޮށް ފާސްކޮށްފައިވާ މި ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި ސެނެޓްގެ މެންބަރުންނާއި، އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމް.އެން.ޔޫގެ ނޫސްބަޔާނެއްގައިވާ ގޮތުން، މި ރިޕޯޓުގައި 2025 ވަނަ އަހަރުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށް ޔުނިވަރސިޓީން ހިންގި ހަރަކާތްތަކާއި، ހާސިލުކުރި ކާމިޔާބީތައް ތަފްސީލީ ގޮތެއްގައި ހިމަނާފައިވެއެވެ. އަދި ޤައުމީ ތަރައްޤީގެ އިސްތިރާތީޖީތަކާއި ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ ކުރިއެރުވުމުގައި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ދައުރު މި ރިޕޯޓުން ވަނީ ހާމަކޮށްދީފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހައިސިއްޔަތުން، ދެމެހެއްޓެނިވި އަދި އެންމެން ބައިވެރިވާ، ހަރުދަނާ މުސްތަޤުބަލެއް ބިނާކުރުމަށް އޮތް މަސްއޫލިއްޔަތު މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން، ކިޔަވައިދިނުމާއި، ދިރާސާކުރުމާއި، އެކި ފަރާތްތަކާއެކު އޮންނަ ގުޅުންތަކާއި، އިޖުތިމާޢީ ހިދުމަތްތަކުގެ ތެރެއިން، ރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ޔުނިވަރސިޓީން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ރިޕޯޓަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ 17 ލަނޑުދަނޑި (އެސް.ޑީ.ޖީ) ހާސިލުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ޚުލާސާއެކެވެ. މީގެ ތެރޭގައި ޞިއްޙަތާއި ދުޅަހެޔޮކަން، ފެންވަރު ރަނގަޅު ތަޢުލީމު، މިންތީގެ ހަމަހަމަކަން، އެކަށީގެންވާ މަސައްކަތާއި އިޤްތިޞާދީ ކުރިއެރުން، އީޖާދީ އައު އުފެއްދުންތެރިކަން، ތިމާވެށީގެ ދެމެހެއްޓެނިވިކަން، ހަރުދަނާ މުއައްސަސާތައް ބިނާކުރުން އަދި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ގުޅުންތައް ބަދަހިކުރުން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން، މި ލަނޑުދަނޑިތައް ހާސިލުކުރުމުގައި ޔުނިވަރސިޓީގެ ފެކަލްޓީތަކާއި، ޑިޕާޓްމަންޓްތަކާއި، ކެމްޕަސްތަކުގެ އިތުރުން ބައިވެރިވާ އެކި މުއައްސަސާތަކުން އަދާކުރާ ދައުރު މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި ރިޕޯޓުގައި ތަޢުލީމީ މާހިރުންގެ ތަޖުރިބާއާއި، މުއައްސަސާގެ އިސްނެގުމާއި، އިޖުތިމާޢީ ބައިވެރިވުން ހިމަނައިގެން ޤައުމީ އިސްތިރާތީޖީތަކަށް އެއްބާރުލުން ދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މިފަދަ މަސައްކަތްތައް ރަސްމީކޮށް ލިޔެކިޔުމުން ބެލެހެއްޓުމުގެ މަޤްޞަދަކީ ޔުނިވަރސިޓީގެ ޒިންމާދާރުކަން އިތުރުކުރުމާއި، ކުރެވޭ މަސައްކަތްތަކުގެ ފެންނަން އޮތް މިންވަރު ފުޅާކުރުމުގެ އިތުރުން، ހެކީގެ މައްޗަށް ބިނާވެފައިވާ ރޭވުންތަކާއި ނިންމުންތަކަށް މަގުފަހިކުރުމެވެ.

ޔުނިވަރސިޓީގެ ސެނެޓުން މި ރިޕޯޓު ބަލައިގަނެ ތާއީދުކުރުމަކީ، ދެމެހެއްޓެނިނިވި ތަރައްޤީއަކީ މުއައްސަސާގެ މައިގަނޑު އިސްކަމެއްގެ ގޮތުގައި ކަނޑައެޅިގެންދިޔަ ކަމެކެވެ. މިއީ ޔުނިވަރސިޓީގެ ކުރިމަގުގެ ސިޔާސަތުތަކާއި، މަސައްކަތްތައް ބަލާ މިންގަނޑުތަކާއި، ކުރިއަށް އޮތް މަޝްރޫޢުތަކުގައި ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތައް ހިމެނުމަށް ލިބުނު ވަރުގަދަ ބިންގަލެއް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އެމްއެންޔޫއިން ބުނީ، މި ރިޕޯޓަކީ 2025 ވަނަ އަހަރު ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ޔުނިވަރސިޓީން ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ ރެކޯޑެއްގެ އިތުރުން، މި މަސައްކަތްތަކުގެ ނަތީޖާ އިތުރަށް ފުޅާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް މަގުފަހިކޮށްދޭނެ ވަސީލަތެއް ކަަމަށެވެ. އަދި މިއީ ކުރިއަށް އޮތް އަހަރުތަކުގައި އެކި ފަރާތްތަކާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް، މެދުނުކެނޑި މި މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށްވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް