ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އޭނާ މަރުވީ މަހަށް ގޮސް އުޅެނިކޮށެވެ. ޝާހު މަރުވިކަން ތިނަދޫ ކައުންސިލުން މީޑިއާގައި ކަށަވަރުކޮށްދީފައިވެ އެވެ.
އޭނާ މަރުވި އިރު ދޯނި ދަތުރު ކުރަމުންދިޔައީ ކޫއްޑޫއަށް މަސްކިރުވަން ކަމަށްވެ އެވެ. ޝާހުގެ ހަށިގަނޑު މިހާރު ވަނީ ގއ. ވިލިނގިއްޔަށް ގެންގޮސްފައި އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޝާހު މަރުވީ މަހަކުން ޖެހިގެން ގައިގަ ރިއްސާތި އުޅުމަށް ފަހު އެވެ. އަދި އޭނާގެ އާއިލާގެ މީހުންނާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ޝާހު މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.
ޝާހުގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ޒިޔާދާ މަރުވީ 2015 ވަނަ އަހަރުގެ ތެރޭގައި އެވެ. މި މައްސަލައިގަ ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރި އެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ. އަދި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ.
މީގެން އެއްވެސް ދައުވާއެއް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ސާބިތު ނުވުމުން ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރި އެވެ. އަދި އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވެ އެވެ.
އެކަމަކު އޭނާ މިނިވަންވީ ޖަލު ހުކުމުގެ ހުއްދަތު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުން ހަމަވެފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް