މުޒާހަރާއިން ހައްޔަރު ކުރި ފަސް މީހުން ދޫކޮށްލައިފި

ޖިންސީ ގޯނާ އާއި ދެކޮޅަށް މިއަދު ހަވީރު ކުރި މުޒާހަރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި އެވެ. މިއަދުގެ މުޒާހަރާއިން ފަސް މީހަކު ހައްޔަރު ކުރި އެވެ. އެމީހުން ދޫކޮށްލީ ނަސޭހަތް ދިނުމަށް ފަހު އިތުރު ...

25 Oct 2020 | 18:36

ޖިންސީ ގޯނާ އާއި ދެކޮޅަށް މިއަދު ހަވީރު ކުރި މުޒާހަރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި އެވެ.

މިއަދުގެ މުޒާހަރާއިން ފަސް މީހަކު ހައްޔަރު ކުރި އެވެ. އެމީހުން ދޫކޮށްލީ ނަސޭހަތް ދިނުމަށް ފަހު އިތުރު ފިޔަވަޅެއް ނާޅާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މުޒާހަރާގެ ތެރެއިން އެމީހުން ހައްޔަރު ކުރީ ނަސޭހަތްތެރިވުމުންވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އެއްވުން ކުރިޔަށް ގެންގޮސްފައިވާތީ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި ތިން އަންހެނުންނެވެ.

ފުލުހުން ބުނީ އެ މުޒާހަރާ ހުއްޓުވީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުން ކުރިޔަށް ގެންދިއުމުން ކަމަށެވެ. އަދި މުޒާހަރާ ފެށުމާއި އެކު ގައިޑްލައިނާ ހިލާފު އެއްވުމެއް ކަމަށް ބުނެ އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވި ކަމަށެވެ.

މި މުޒާހަރާ ކުރީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސަފާރީ ރޭޕް ކޭސް އާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އިމްރާން ވަނީ ފަހުން ޓުވީޓެއް ކުރައްވައި ނޫސްތަކުގައި އެވާހަކަ ޖެހީ މާނަ އޮޅޭގޮތަށް ކަމަށް ވިދާޅުވެފައި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ މީހުން އެއްވެ އުޅުމަކީ މަނާ ކަމެކެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވަނީ މާލޭ ސިޓީގައި އާންމު ތަންތަނުގައި އެއްކޮށް އުޅެވޭނީ ގިނަވެގެން ފަސް މީހުންނަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް