ޕޮލެންޑްގެ ރައީސް އަންޑްރޭ ޑުޑާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އުމުރުފުޅުން 48 އަހަރުގެ ޑުޑާ ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ ހުކުރު ދުވަހު އެވެ. އަދި ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަން ހާމަ ކުރައްވާ ޕޮލެންޑްގެ ރައްޔިތުންނަށް ދެއްވި މެސެޖުގައި އެމަނިކުފާނު ވިދާޅުވީ ހާލު ރަނގަޅު ކަމަށާއި، ކޯވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ.
ޑުޑާ އިތުރަށް ވިދާޅުވީ ކޯވިޑުން ސަލާމަތްވެ އެނބުރި އަންނާނީ މިހާރު ހުންނެވި ހާލަށް ވުރެ ރަނގަޅު ކޮށް ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި ހުންނަވާނީ ސެލްފް އައިސޮލޭޝަންގައި ކަމަށެވެ.
ފާއިތުވެ ދިޔަ ހަފްތާތަކުގައި ޑުޑާ ވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަންއާ ބައްދަލު ކުރައްވާފަ އެވެ. ނަމަވެސް މި ދެ ބޭފުޅުންނަކީ ކޯވިޑަށް ޕޮޒިޓިވްވެ ބަލީގެ ފަރުވާ ހޯއްދަވާފައި ތިއްބެވި ދެ ބޭފުޅުން ނެވެ.
އެހެންކަމުން ޑުޑާ ކޯވިޑަށް ޕޮޒިޓިވްވި ސަބަބެއް އެނގިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕޮލެންޑަކީ މުޅި ދުނިޔެއިން 29 ވަނައަށް އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ގައުމެވެ.
އެގައުމުން މިހާތަނަށް ދެލައްކަ ސާޅީސްއެއްހާސް ނުވަސަތޭކައަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، ފާއިތުވެދިޔަ 24 ގަޑިއިރު އެކަނިވެސް އެގައުމުން 13،628 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މިބަލީގައި އެގައުމުން މިހާތަނަށް 4،351 މީހުން ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް