ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ކުރަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުންނެވެ. އިމްރާންގެ އިތުބާރުނެތް ކަމަށް ހުށަހަޅަނީ ބޮޑު ތިން މައްސަލައެއްގެ ހެކިތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
އެ ތިން މައްސަލަ އަކީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ އާއި ޑރ. އަފްރާޝިމް އަލީ އަވަހަރާކޮށްލުން އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލާގައި އިމްރާން ދައްކަވާފައިވާ ވާހަކަތަކެކެވެ.
އިމްރާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމި އިރު ސަފާރީ ޖިންސީ ގޯނާ ކޭސް އާއި ގުޅޭގޮތުން މިނިސްޓަރު ދެއްކެވި ވާހަކައެއްގެ މައްސަލަ ވަރަށް ބޮޑަށް ވަނީ ހޫނުވެފައި އެވެ. މިނިސްޓަރު ވިދާޅުވީ ސަފާރީގައި ހިނގީ އާންމުންގެ ތެރޭގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް ކަމަށާއި އެކަން ބޮޑުވީ މީޑިއާގައި އެވާހަކަ ރިޕޯޓު ކުރި ގޮތުން ކަމަށެވެ.
މި ވާހަކަތާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމުން މިއަދު ޝެއިހް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިންސީ ގޯނާ ކުރުމަކީ ކުޑަކަމެއް ނޫން ކަމަށާއި ދެއްކި ވާހަކައިން މާނަ ގޯސްކޮށް ނެގިފައިވާ ނަމަ އެއީ މަގުސަދު ނޫންކަން ސާބިތު ކޮށްދެއްވަން ބޭނުންވާ ކަމަށެވެ. އަދި އޮޅުން އަރާ ގޮތަށް އެއްޗެއް ބުނެފައިވާ ނަމަ އެކަމަށް މައާފަށް އެދިވަޑައިގެންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
https://twitter.com/ProgressPartyMV/status/1320366970898767872
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގައި، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ތިބީ ނުވަ މެމްބަރުންނެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ހަ މެމްބަރުން އެބަ ތިއްބެވެ.
މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް ބޭނުންވަނީ 14 މެމްބަރުންގެ ސޮއި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް