ޖިންސީ ގޯނާ އާއި ދެކޮޅަށް މިއަދު ކުރި މުޒާހަރާ ހުއްޓުވައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މުޒާހަރާ ހުއްޓުވީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުން ކުރިޔަށް ގެންދިއުމުން ކަމަށެވެ. ފުލުހުން ބުނީ މުޒާހަރާ ފެށުމާއި އެކު ގައިޑްލައިނާ ހިލާފު އެއްވުމެއް ކަމަށް ބުނެ އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވި ކަމަށެވެ.
އެ ފަސް މީހުން ހައްޔަރު ކުރީ ނަސޭހަތްތެރިވުމުންވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އެއްވުން ކުރިޔަށް ގެންގޮސްފައިވާތީ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި ތިން އަންހެނުންނެވެ.
މި މުޒާހަރާ އިންތިޒާމް ކުރީ ވޮައިސް އޮފް ޗިލްޑްރަންގެ ފަރާތުންނެވެ. އެ ޖަމިއްޔާއަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
މުޒާހަރާއިން ހައްޔަރު ކުރީ ފަސް މީހުން ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު އެ ޖަމިއްޔާއިން ބުނީ މުޒާހަރާގެ ހުރިހާ ބައިވެރިން ހައްޔަރު ކުރި ކަމަށެވެ.
މިއަދު މުޒާހަރާ ފެށީ މަޖީދީ މަގު ހުސްނޫގޭ ކުރިމަތީގައި އެވެ.
މި މުޒާހަރާ ކުރީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސަފާރީ ރޭޕް ކޭސް އާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އިމްރާން ވަނީ ފަހުން ޓުވީޓެއް ކުރައްވައި ނޫސްތަކުގައި އެވާހަކަ ޖެހީ މާނަ އޮޅޭގޮތަށް ކަމަށް ވިދާޅުވެފައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ މީހުން އެއްވެ އުޅުމަކީ މަނާ ކަމެކެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވަނީ މާލޭ ސިޓީގައި އާންމު ތަންތަނުގައި އެއްކޮށް އުޅެވޭނީ ގިނަވެގެން ފަސް މީހުންނަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް