ރާއްޖޭގައި ޖިނާއި މައްސަލައެއްގައި މުޅީން އަލަށް ކޮންޓިނިއުސް އަޑުއެހުމެއް ބާއްވައިފި އެވެ. ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ މި އަޑު އެހުމަށް އަށް ގަނޑިއިރު ވަނީ ހޭދަވެފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖިނާއީ އިޖުރައާތުގެ ގާނޫނު ތަސައްވަރު ކުރާ ގޮތަށް ފުރަތަމަ ފަހަރަށް އިއްޔެ ކޮންޓިނިއުސް އަޑުއެހުމެއް ކުރިއަށް ދިޔަ ކަމަށެވެ. އަދި އެ ގޮތަށް ކޮންޓިނިއުސް އަޑު އެހުން ބާއްވާނަމަ، ދޮޅު އަހަރުން ކުރިއަށް ގެންދެވޭ މަރުހަލާ އެއް ހަފްތާއަށް ކުރު ކުރެވޭނެ ކަމަށެވެ. މި އަޑު އެހުމުގައި 14 މީހެއްގެ ހެކި ބަސް ވަނީ ނަގައިފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ޖިނާއީ މައްސަލަތަކުގެ ޝަރީއަތް މެދުކެނޑުމެއް ނެތި އަޑުއެހުންތަށް ކުރިއަށް ގެންގޮސް އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި މައްސަލައެއް ނިންމުމަކީ އެ ގާނޫނޫގެ ބޭނުމެވެ.
ގާނޫނުގައި އެހެން އޮތް ނަމަވެސް އެންމެ ބެޑެތި ޖިނާއި ކުށްތަކުގެ އަޑު އެހުންތަށް ބާއްވާފައިވަނީ ވަކިވަކިންނެވެ.
ޝަރުއީ ދާއިރާގެ ތާރީހުގައި ލިޔެވިގެން ދިޔަ މި އަޑު އެހުމަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ ލިބޭ މީހެއްގެ ޝަރީއަތެވެ.
ދައުވާ ލިބޭ މީހާގެ މައްޗަށް ދައުލަތުން އިތުރު ތިން ދައުވާއެއް ވެސް ކުރެ އެވެ. އެއީ ޝަހްސު އޮޅުވައިލުމުގެ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާއެއްގެ އިތުރުން ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުމުގެ ދައުވާ އެވެ. އަދި ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ދައުވާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް