ޔައުގޫބް މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސްޕުރީޕް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް އަންގާރަ ދުވަހަށް ތަވާލ...

25 Oct 2020 | 11:13

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސްޕުރީޕް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް އަންގާރަ ދުވަހަށް ތަވާލްކޮށްފި އެވެ.

ޔައުގޫބުގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދި ވަކީލަކު ސުޕްރީމަށް ކޯޓަށް ހުށަހެޅީ "އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ކައުންސިލަށް ޔައުގޫބް އައްޔަނު ކުރުމުންނެވެ. އެ މަގާމާ ޔައުގޫބު ވަނީ ހަވާލުވެފަ އެވެ. ނަމަވެސް އޭނާގެ މެމްބަރުކަމާމެދު ވަކީލުން ސުވާލު އުފައްދަން ފެށުމުން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ، މަޖިލީހުގެ މެމްބަރަކު އެ މާއްދާގައި ބަޔާން ކުރާ ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން އެ މާއްދާގެ ތިންވަނަ ނަމްބަރުގައި ވަނީ މަޖިލީހުގެ މެމްބަރަކު "މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް" އަދާކޮށްގެން ނުވާނެ ކަމަށެވެ.

ޔައުގޫބުގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދި ވަކީލަކު ސުޕްރީމަށް ކޯޓަށް ހުށަހެޅި މައްސަަލައިގެ ފުރަތަމަ އަޑު އެހުން ވަނީ ބާއްވާފަ އެވެ. އެ އަޑު އެހުމުގައި ޔައުގޫބްގެ ފަރާތުން މައްސަލައަށް ޖަވާބުދާރީ ވެފައިވާއިރު، ޔައުގޫބްގެ ފަރާތުން ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. އަދި ރ. ގައި ތަފާތުތަކެއް ވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަންކަމަށް ބެލުމުން ޔައުގޫބްގެ މެމްބަރުކަން ނުގެއްލޭނެކަން ހާމަވާނެ ކަމަށެވެ. މީގެ އިތުރުން ވެސް އެކަމަށް ބާރުދެއްވާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ޔައުމިއްޔާތަކަށް އަލިއަޅުވާލައްވާ މަހުފޫޒު ވަނީ ވާހަކަ ދައްކަވާފަ އެވެ.

ފުރަތަމަ އަޑު އެހުމުގައި ޔައުގޫބް މަޖިލީހަށް ހާޒިރުވުން ހުއްޓުވައި ދިނުމަށް އެދި ހުށަހަޅާފައިވާ ވަގުތީ އަމުރު ނުދިނުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފަ އެވެ. އެދުވަހުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ފަނޑިޔާރުން ވަނީ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރުމަށް ބޭނުންވާ ސުވާލުތައް ކުރައްވާފަ އެވެ. އަދި ދެން އަންނަ އަޑުއެހުމަކަށް އެ ސުވާލުތަކަށް ތައްޔާރުވެވަޑައިގެން ހާޒިރުވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް