އެމް.ޑަބްލިޔު.އެސް.ސީ ގެ މުވައްޒަފުން ޑްރިންކިންގ ވޯޓަރ ސިސްޓަމް، އޮޕަރޭޓަރސް އެންޑް މެއިންޓަނަންސް ކޯސް ނިންމައި ސެޓްފިކެޓް ޙާސިލްކޮށްފި

އެމް.ޑަބްލިޔު.އެސް.ސީ ގެ20  މުވައްޒަފަކު " ޑްރިންކިންގ ވޯޓަރ ސިސްޓަމް، އޮޕަރޭޓާސް އެންޑް މެއިންޓަނަންސް" ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލް ކޮށްފިއެވެ. މިފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިއަ...

25 Oct 2020 | 11:01

އެމް.ޑަބްލިޔު.އެސް.ސީ ގެ20  މުވައްޒަފަކު " ޑްރިންކިންގ ވޯޓަރ ސިސްޓަމް، އޮޕަރޭޓާސް އެންޑް މެއިންޓަނަންސް" ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލް ކޮށްފިއެވެ.

މިފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިއަދު އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ ގައި ބޭއްވުނު ޚާއްސަ ރަސްމީޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. މި ރަސްމީޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި އެމް.ޑަބްލިޔު.އެސް.ސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ކޯހަކީ ފެނުގެ ނިޒާމްތައް ހިންގާ ބަލަހައްޓަމުން ގެންދާ ޔޫޓިލިޓީ ކުންފުނިތަކުގެ ކަމާއި ގުޅޭ ދާއިރާތަކުގެ މުވައްޒަފުން މިކަމަށް އިތުރަށް އަހުލުވެރިކޮށް އަދި މިދާއިރާތަކަށް ބޭނުންވާ ފެންވަރު ރަނގަޅު މުވައްޒަފުން ބިނާކުރުމައްޓަކައި އެންވަޔަރމަންޓް މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭގޮތަށް އެމް. ޑަބްލިޔު. އެސް. ސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް. އައި. ޓީ) ގުޅިގެން  ތަޢާރަފް ކޮށްފައިވާ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ.

މިކޯސް ހިންގާފައިވަނީ، 15 ނޮވެމްބަރ 2019 އިން 2 މާރިޗް 2020 ގެ ނިޔަލަށް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިންނެވެ.

މި ކޯހުގައި  އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން  އޮޕަރޭޓަރުންނާއި ލެބޯރޓަރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޓެކްނީޝަނުންވަނީ ބައިވެރިވެ ކޯސް ފުރިހަމަކޮށްފައެވެ.

މިގޮތުން، މިކުންފުނީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ފެނުގެ ނިޒާމް ޤާއިމްކޮށްފައިވާ ރައްތަކުގެ ތެރެއިން ގްރޭޓަރ މާލެ ރީޖަން، ކ.މާފުށި، ރ.ދުވާފަރު، ހދ.ކުޅުދުއްފުށި ހިމެނޭގޮތުން ޖުމުލަ 20 އޮޕަރޭޓަރުންވަނީ މި ކޯހުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

މިކުންފުނީގެ އަމާޒަކީ، ކުރިޔައް އޮތްތަނުގައި، ފެނާއި ނަރުދަމާގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ މިކުންފުނީގެ ހުރިހާ މުވައްޒަފުންނަކީވެސް މިފަދަ ކޯސްތައް ފުރިހަމަކޮށްފައިވާ، ކަމުގެ ތަޖުރިބާއާއި ތައުލީމީ ގާބިލުކަން ހުރި ފަރާތްތަކަކަށްވުމެވެ.

މިގޮތުން، މި ކޯހުގެ ދެންއޮތް ބެޗުގައި މިކުންފުނީގެ އިތުރު މުވައްޒަފުން ބައިވެރިކުރުކުގެ އިތުރުން، މިކޯހުގެ ދެންޖެހިގެން އިން ސަނަދު (ސެޓްފިކެޓް ލެވެލް 4) ގައިވެސް މުވައްޒަފުން ބައިވެރި ކުރުމުގެ މަސައްކަތްތަށް މިހާރު އަންނަނީ ކުރެވެމުންނެވެ.

ދެމެހެއްޓެނެވި ގޮތެއްގައި ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ އިންސާނީ ވަޞީލަތްތައް އެއްދުވަހުން އަނެއްދުވަހަށް އިތުރަށް ތަރައްޤީކޮށް ކުރި އެރުވުމަކީ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް