ލުތުފަރުގެ ގާތިލުންނާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފި

ށ. ޅައިމަގު ބޯޓެއް ކަމަށްވާ "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލުމުގެ ދައުވާ ލިބޭ މީހުނާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް މިއަދުގެ ޝަރީއަތު...

25 Oct 2020 | 09:58

ށ. ޅައިމަގު ބޯޓެއް ކަމަށްވާ "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލުމުގެ ދައުވާ ލިބޭ މީހުނާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް މިއަދުގެ ޝަރީއަތުގައި ހުށަހަޅައިފި އެވެ.

ލުތުފަރު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ، ތިން ބަންގުލަދޭޝްގެ މީހުންގެ މައްޗަށެވެ. އެއީ ލުތުފަރާއެކު އެ ބޯޓުގައި މަސައްކަތްކުރި އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަހްތަރު ހުސައިންގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ވެސް މައްޗަށް ކޮށްފައި ވަނީ އެނގިހުރެ މީހަކު މަރާލުމުގެ ދައުވާ އެވެ.

ތިން މީހުންގެ މައްޗަށް ދައުލަތުން އެ ދައުވާ އުފުލުމުން އެމީހުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި އެމީހުން ވަނީ އިއުތިރާފުގެ އެއްބަސްވުމާ ހިލާފުވެފަ އެވެ. އެހެންވެ މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ކްރިމިނަލް ކޯޓުގެ ގާޒީ ނިންމެވީ، އެ އިއުތިރާފުގެ އެއްބަސްވުން މިހާރު ބާތިލުވެފައިވާ ކަމަށެވެ. އިއުތިރާފުގެ  އެއްބަސްވުން ބާތިލް ކުރުމަށްފަހު ގާޒީ ވަނީ ލުތުފަރުގެ މަރުގެ މައްސަަލަ އަލުން ތަހުގީގު ކުރުމަށް ފުލުހުންނަށް މުއްދަތެއްދީފަ އެވެ.

ގާޒީ ފުލުހުންނަށް އެ ފުރުސަތު ދެއްވީ ޖިނާއި އިޖުރާތުގެ ގާނޫނުގެ ދަށުންނެވެ. އިއުތިރާފުގެ އެއްބަސްވުމުގައި ފުރަތަމަ އަޑު އެހުމުގައި ކުރިން ސޮއި ކުރެވިދާނެ ކަމަށް އޮންނައިރު އެ އަޑު އެހުމުގައި ދައުވާ ލިބޭ ފަރާތުން ކުށަށް އިންކާރު ކޮށްފިނަމަ މައްސަލަ އަލުން ތަހުގީގު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ލުތުފަރުގެ މައްސަލައިގެ އަޑު އެހުމަކީ މައްސަލަ އަލުން ތަހުގީގު ކުރުމަށްފަހު ބޭއްވި ފުރަތަމަ އަޑު އެހުމެވެ. މި މައްސަލަ އަލުން ތަހްގީގުކޮށް މިއަދު ބޭއްވި ޝަރީއަތުގައި އެމްޑީ އަހުތަރު ހުސައިންގެ ވަކީލު ވަނީ މި މައްސަލައިގައި ދެން އިތުރަށް ކުރިއަށް ދާން ބޭނުންނުވާ ކަމަށް ވިދާޅުވެ ތަނާޒުލް ވެފަ އެވެ. އެހެންކަމުން ގާނޫނީ އަސާސީއިން ލިބިދޭ ވަކިލާކު ހޯދުމުގެ ހައްގަށް ރިއާޔަތްކޮށް، ގާޒީ ވަނީ އަހުތަރު ހުސައިންގެ އަރިހުން ވަކީލަކު ބޭނުންވޭތޯ އައްސަވާފަ އެވެ.

ލުތުފަރުގެ މައްސަލަ ކުރިއަށް ގެންދަނީ ތަރުޖަމަނާއެކުގަ އެވެ. ގާޒީގެ ސުވާލަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ބުނީ، އަހުތަރު ހުސައިން މި މައްސަލާގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށެވެ. އަދި ވަކީލަކު އައްޔަން ކުރުމަށް އޭނާ އަށް މުއްދަތު ދިނުމަށް ގާޒީ އަރިހުން އެދޭ ކަމަށެވެ. ގާޒީ ވަނީ އޭނާ ވަކީލަކު އައްޔަން ކުރަން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ދެން ދައުވާ އުފުލާފައިވާ ދެ މީހުން ކަމަށްވާ އަލަމިން އާއި ނޫރުލް އިސްލާމުގެ މައްސަލައިގެން ކުރިއަށް ދާން ނިންމާފަ އެވެ.

އަލަމިން އާއި ނޫރުލް އިސްލާމާ ދެކޮޅަށް ދައުލަތުން ވަނީ ޝަފަވީ 28 ހެއްކާއި ކިތާބީ 14 ހެއްކެއް ހުށަހާޅަފަ އެވެ. އެ ހެކިތަކުގެ ތެރޭގައި އެ ދެ މީހުންނާއި ދެކޮޅަށް ފުލުހުން ދީފައި ހުރި ބަޔާނާއި ޅައިމަގު ރައްޔިތުންނާއި ޅައިމަގުގައި ދިރިއުޅޭ ބަންގްލަދޭޝް ބައެއް މީހުން ދީފައި ހުރި ބަޔާންތައް ކޯޓަށް ހުށަހަޅާފަ އެވެ. އަދި މީގެ ކުރީގެ ޝަރީއަތުގައި އެ ދެމީހުން ދީފައި ހުރި ބަޔާނާއި ހާދިސާ ހިނގި ގޮތް ކުޅެދީފައިވާ ވީޑިއޯ އާއި ޑީއެންއޭ ރިޕޯޓު ވެސް ހިމެނެވެ.

އަލަމިން އާއި ނޫރުލް އިސްލާމު ވަނީ އެމީހުން މީގެ ކުރިން ޝަރީއަތަށް ދީފައިވާ ބަޔާންތަކަށް ވެސް އިންކާރު ކޮށްފަ އެވެ. އަދި އަލަމިންގެ ފަރާތުން ދިފާއުގައި ހުށަހަޅާނެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފައިވާއިރު ނޫރުލްގެ ފަރާތުން ވަނީ ލިޔުމުން ހެކި ހުށަހެޅުމަށް ވަގުތު ދިނުމަށް ގާޒީ އަރިހުގައި ދަންނަވާފަ އެވެ. އަލަމިން އާއި ނޫރުލް އިސްލާމްގެ ވަކީލުން ވަނީ އެމީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސްވެފައި ވާތީ އެމީހުންގެ އާއިލާތަކަށް ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަން ޝަރީއަތުގައި ފާހަގަ ކޮށްފަ އެވެ. އަދި މި މައްސަލައިގެ ޝަރީއަތް ހިނގާގޮތުގެ ތާވަލެއް ފޯރު ކޮށްދިނުމަށް އެދުމާއެކު ވީހާވެސް އަވަހަކަށް މައްސަލަ ނިންމައިދިނުމަ ށްވެސް އަލަމިން އާއި ނޫރުލްގެ ވަކީލު ވަނީ ޝަރީއަތުގައި އެދިފަ އެވެ.

ގާޒީ ވަނީ ނޫރުލްއަށް ހެކި ހުށަހެޅުމުގެ ގޮތުން ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި އެ ހެކިތަކާއި ގުޅިގެން ދައުލަތުން ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދައުލަތަށް ދީފަ އެވެ. މީގެ އިތުރުން ވަކީލު އެދުނުގޮތަށް މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލެއް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ގާޒީ އިތުރަށް ވިދާޅުވީ، އަލަމިން އާއި ނޫރުލްގެ ޝަރީއަތް އެއްކޮށް ކުރިއަށް ގެންދަން ނިންމާ ވަކީލަކު ހަމަޖެހުމުން އެމްޑީ ހޮސައިން އަހުތަރުގެ ޝަރީއަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ނިންމުމާ ދެކޮޅަށް އަލަމިން އާއި ނޫރުލްގެ ވަކީލުން ބޭނުން ވަނީ މި ތިން މީހުންގެ މައްސަލަ އެއްކޮށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އެގޮތަށް ބޭނުންވަނީ ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ އެއް ދައުވާއެއް ކަމަށާއި މި މައްސަލަ އަވަހަށް ކުރިއަށް ގެން ގޮސް ނިންމާލެ ވޭނީ އެއްކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމުން ކަން ގަބޫލު ކުރާތީ ކަމަށެވެ.

ނަމަވެސް ގާޒީ ވަކީލުންގެ އެ ވާހަކަތަށް ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ މައްސަލައިގެ ޝަރީއަތެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.

ލުތުފަރު މަރުގެ ތަހުގީގު ކުރުމަށްފަހު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިޔަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ހެޑް، ސްޕްރިޑެންޓް އޮފް ޕޮލިސް ހަޝަން ޝިފާއު ވިދާޅުވެފައިވަނީ، ލުތުފަރު މަރާލާފައިވަނީ އޭނާެއެކު ބޯޓުގައި މަސައްކަތްކުރި މީހުނާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުމުން އެކަމުގެ ނުރުހުމުގައި ކަމަށެވެ. އަދި އޭނާ މަރާލި ވަގުތު ބޯޓުން ވަރަށް ބާރަށް އަޑުތަކެއް އިވޭތީ މީހުން އެއްވި ކަމަށެވެ. ނަމަވެސް ލުތުފަރު މަރާލުމުގައި ބައިވެރިވި ނޫރުލް އިސްލާމް ބޯޓު ކައިރިއަށް އެއްވި މީހުންނަށް އެ އަޑު ތަކަކީ އޭނާ އާއި އަންހެނުން ފޯނުން ކުރި ޒުވާބެއްގެ އަޑު ކަމަށް ބުނި ކަމަށެވެ. މި އަޑުތަށް އިވުނު ވާހަކަ ބޯޓު ކައިރިއަށް އެއްވި މީހުން ވަނީ ކައްޕި ކައިރީގައި ބުނެފަ އެވެ.

އެ ތިން މީހުން ވެގެން ލުތުފަރު މަރާލުމަށް ފަހު ހަށިގަނޑާމެދު ކަންތައް ކުރި ގޮތްވެސް ޝިފާއު ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދެއްވާފަ އެވެ. އެގޮތުން ޝިފާއު ވިދާޅުވީ، ލުތުފަރުގެ ހަށިގަނޑުގައި ތިން ބަސްތާ ވާ ޖަހައިގެން އެއްސުމަށްފަހު 20 ލީޓަރުގެ ކުކިން އޮއިލް ހުސްކުރި ހަން ހިފައިން ފަތައިފައި ލުތުފަރު ހަށިގަނޑު ގެންދިޔަ ކަމަށެވެ. ނަމަވެސް ތިން ބަސްތާ ލުތުފަރުގެ ހަށިގަނޑުގައި އައްސައިފައިވުމުން، ފަތައިފައި ނުގެންދުވުމުގެ ސަބަބުން ދެ ބަސްތާ ވަނީ ތޮށިގަނޑު މައްޗަށް ދޫކޮށްފައި ކަމަށެވެ. އަދި އެއަށްފަހު ތޮށިގަނޑު ނިމޭ ހިސާބުން ލުތުފަރުގެ ހަށިގަނޑު ގަންބާލީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް