ޖިންސީ ފުރައްސާރަ ކުރުމަކީ ކުޑަ ކަމެއް ކަމަށް ބުނެފައިނުވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ސަފާރީގައި ހިނގީ އާންމުންގެ ތެރޭގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ބޮޑު ރޭޕް ކޭސްއެއް ނޫންކަމަށާއި އެކަން ބޮޑުވީ މީޑިއާގައި އެވާހަކަ ރިޕޯޓު ކުރި ގޮތުން ކަމަށެވެ.
މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް މިނިސްޓަރަށް އަމާޒުވާން ފެށުމުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާ ނުވަތަ ފުރައްސާރަ ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ ބޮޑު ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ ކުޑަކަމެއް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި އިމްރާނާއި ގުޅޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އެ ޕްރޮގްރާމްގައި ބުނި އެއްޗެއްގެ ހަގީގަތް އޮޅިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެދިވަޑައިގެންނަވަނީ ނޫސްވެރިކަމުގައި ޕްރޮފެޝަނަލް މިންގަނޑު ހިފެހެއްޓުން ކަމަށާއި ދެއްކި ވާހަކައިން މާނަ ގޯސްކޮށް ނެގިފައިވާ ނަމަ އެއީ މަގުސަދު ނޫންކަން ސާބިތު ކޮށްދެއްވަން ބޭނުންވާ ކަމަށެވެ. އަދި އޮޅުން އަރާ ގޮތަށް އެއްޗެ ބުނެފައިވާ ނަމަ އެކަމަށް މައާފަށް އެދިވަޑައިގެންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
https://twitter.com/ShimranAb/status/1320296419408801792
މިނިސްޓަރުގެ ވާހަކަތަކާއި ގުޅިގެން އާންމުންގެ ފަޑުކިޔުންއްތަށް އިތުރު ވުމުން ބައެއް ދީނީ އިލްމުވެރިންވެސް ވަނީ އިމްރާން ދެއްކެވި ވާހަކަތައް ނޫސްތަކާއި ސޯޝަލް މީޑިއާގައި އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައި އެވެ.
ޝެއިހް އިމްރާންގެ ވާހަކަތަކާއި ގުޅިގެން މިއަދު ހަވީރު ޖިންސީ ގޯނާ އާއި ދެކޮޅަށް މުޒާހަރާ ކުރުމަށް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވޮއިސް އޮފް ޗިލްޑްރަން އިން ވަނީ ނިންމާފައި އެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ކުޑަބޮޑުމިން މިނިސްޓަރަށް ކަނޑައެޅިދާނެތޯ ސުވާލު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް