ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރިކަމަށް ތުހުމަތު ކުރާ މައްސަލައިގަ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކުގެ ދިފާއުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ވާހަކަދައްކަވައިފި އެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ސަފާރީގައި ހިނގީ އާންމުންގެ ތެރޭގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ބޮޑު ރޭޕް ކޭސްއެއް ނޫންކަމަށާއި އެކަން ބޮޑުވީ މީޑިއާގައި އެވާހަކަ ރިޕޯޓު ކުރި ގޮތުން ކަމަށެވެ.
މިނިސްޓަރުގެ މި ވާހަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އިމްރާނަށް އަމާޒުވާން ފެށުމުން ދީނީ އިލްމުވެރިން ވަނީ ނޫސްތަކުން މިނިސްޓަރުގެ ވާހަކައިގެ ހަގީގަތް އޮޅޭގޮތަށް ގެނެސްދީފައިވާކަމަށް ވިދާޅުވެފައި އެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އިމްރާން ނިސްބަތްވެވަޑައިގެންނަވާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ މީސްމީހުން ދައްކާ ވާހަކައިގެ ހަގީގަތް އޮޅޭގޮތަށް ނޫސްތަކުގައި ސުރުހީ ޖަހައިގެން ހަބަރު ފެތުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް ވާނީ ބިންމަތީގައި ފަސާދަ ފެތުރުން ކަމަށެވެ.
https://twitter.com/dr_iyaz/status/1320276981804482560
ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވީ ނޫސްތަކުގައި ލިޔެފައިވަނީ އިމްރާން ވިދާޅުވެފައި ނުވާ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ވާހަކަތަކީ މިނިސްޓަރުގެ އަގު ވައްޓާލަން ކުރާ މަސައްކަތްތަކެއް ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ޝެއިހް ޒައިދު ވިދާޅުވީ ފޭކު ޕޯސްޓުތަކާއި ފޭކު ނޫސްތަކުގެ ހެޑްލައިންތަކަށް ބަލައިގެން ހުކުމް ނުކޮށް އިމްރާން ދެއްކެވި ވާހަކައިގެ އޯޑިއޯ އެހުން ރަނގަޅުވާނެ ކަމަށެވެ.
https://twitter.com/alizaid1000/status/1320278952565379072
ޝެއިހް އިމްރާންގެ ވާހަކަތަކާއި ގުޅިގެން މިއަދު ހަވީރު ޖިންސީ ގޯނާ އާއި ދެކޮޅަށް މުޒާހަރާ ކުރުމަށް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވޮއިސް އޮފް ޗިލްޑްރަން އިން ވަނީ ނިންމާފައި އެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ކުޑަބޮޑުމިން މިނިސްޓަރަށް ކަނޑައެޅިދާނެތޯ ސުވާލު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް