ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މަދަރުސީ ތަޢުލީމު ފެށުމުގެ ކުރިން ވެސް ޚާއްޞަ އެހީތެރިކަމެއް ބޭނުންވާ ކުދިން: ނައިބު ރައީސް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މަދަރުސީ ތަޢުލީމު ފެށުމުގެ ކުރިން ވެސް ޚާއްޞަ ސަމާލުކަމާއި އެހީތެރިކަމެއް ބޭނުންވާ ކުދިން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ވިދާޅުވެއްޖެ އެވެ. ...

25 Oct 2020 | 09:10

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މަދަރުސީ ތަޢުލީމު ފެށުމުގެ ކުރިން ވެސް ޚާއްޞަ ސަމާލުކަމާއި އެހީތެރިކަމެއް ބޭނުންވާ ކުދިން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނި މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، މަޝްވަރާކުރައްވަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މާބަނޑު ދުވަސްވަރާއި ޅަފަތުގައި ކުދިންގެ ދުޅަހެޔޮކަން ވަޒަންކުރުމުގައި ގެންގުޅޭ ގޮތްތައް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މަދަރުސީ ތަޢުލީމު ފެށުމުގެ ކުރިން ވެސް ޚާއްޞަ ސަމާލުކަމަކާއި އެހީތެރިކަމެއް ބޭނުންވާ ކުދިންކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އޭގެ ކުރިން ވެސް އެ ކުދިންނަށް ބޭނުންވާ އެންމެ ފުރިހަމަ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރަން ޖެހޭކަމުގައެވެ. އަދި، މަދަރުސީ ތަޢުލީމު ފެށުމަށްފަހު ވެސް އެ ކުދިންނަށް ބޭނުންވާ ތަފާތު ފުރުޞަތުތައް ފަހިކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަން ވީހާ ވެސް ފުޅާދާއިރާއެއްގައި ފަހިކޮށްދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ އޮފް އެޑިއުކޭޝަން އަދި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އެ ވުޒާރާތައް ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަމާއި އަދި މިކަމަށްޓަކައި މިހާރު އެކުލަވާލައްވަމުން ގެންދަވާ ޕްލޭންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް