ކޮލަމް ކުލަ: އިސްތިއުފާ އަކީ ހައްލުތަ؟

މުޅި ދުނިޔެ ކޮވިޑް-19 ގެ ބަނަ ވިލާގަނޑުގެ ދަށުވެފައި ތިއްބައި ރާއްޖެ އަށް މިވަނީ އިތުރު ކޮޅިގަނޑެއް ވެސް ލައިގަނެފަ އެވެ. ވެންޓިލޭޓަރުތައް ގެންނަން ހިންގި މުއާމަލާތެއްގައި ނުކިއްސަރު އެތައް ކަމެއް ހިނ...

25 Oct 2020 | 07:37

މުޅި ދުނިޔެ ކޮވިޑް-19 ގެ ބަނަ ވިލާގަނޑުގެ ދަށުވެފައި ތިއްބައި ރާއްޖެ އަށް މިވަނީ އިތުރު ކޮޅިގަނޑެއް ވެސް ލައިގަނެފަ އެވެ. ވެންޓިލޭޓަރުތައް ގެންނަން ހިންގި މުއާމަލާތެއްގައި ނުކިއްސަރު އެތައް ކަމެއް ހިނގައި، އެކަމުގެ ތެރެއިން ބަޔަކު ނާޖާއިޒު ފައިދާތަކެއް ނެގި މައްސަލަ އެވެ.

މިއީ އެއްގޮތަކަށް ވެސް ކުޑަ ކަމެއް ނޫނެވެ. ސިޔާސީ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދުވަސްކޮޅު އެ ވާހަކަ ދައްކާލުމަށް ފަހު ނިންމާލާ ވަރަށް ވުރެ ބޮޑު ކަމެކެވެ. ސިއްހީ ދާއިރާ ހިންގުމާ ހަވާލުވެ ހުންނެވި ވަޒީރު އިސްތިއުފާ ދެއްވުމުން މި ޖަރީމާ އަށް އިންސާފު ލިބުނީ ކަމަށް ބެލޭ ވަރަށް ވުރެ ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ ކަމެކެވެ. މި ކަމުގެ އެންމެ އަޑި އަށް ފީނަންޖެހެ އެވެ. ދައުލަތުގެ ނިޒާމުގެ ތެރެއިން މިފަދަ ބޮޑު ވައްކަމެއް ކުރެވުނު ގޮތެއް ހޯދައި، އެ ކަމުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހެ އެވެ. ހަމަ ގައިމު ވެސް މިއީ އެންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ފެށީ މުޅި ދުނިޔެ "ނޭވާ ހޮޅި އަށް" އެޅިފައިވާ ދުވަސްވަރެއްގަ އެވެ. ކޮވިޑް-19 ފަދަ އާ ބައްޔެއް ފަތުއަޑުކިޔާފައި ދުނިޔޭގެ ހަތަރު ބިތަށް ފެތުރިގެން ގޮސް، އެންމެ ކުރިއަރާފައިވާ ގައުމުތައް ވެސް ކުޑަކަކޫ މައްޗަށް ތިރިކޮށްލާފައިވާ ދަނޑިވަޅެއްގަ އެވެ. ވެންޓިލޭޓަރު ހޯދަން އެ ގައުމުތަކުން ވެސް ސަލާންޖަހަމުން ދިޔަ ދުވަސްވަރެއްގަ އެވެ. ކާރުގެ ބަދަލުގައި ވެންޓިލޭޓަރު އުފައްދަން ބޮޑެތި އޮޓޯ ކުންފުނިތަކުން އަވަސްވެގަތް ދަނޑިވަޅެއްގަ އެވެ.

އެފަދަ ހާލަތެއްގައި، މާލިއްޔަތު ގާނޫނާއި ގަވާއިދަށް އަކުރުން އަކުރަށް އަމަލު ނުކުރެވިދާނެ ކަމަށް އެންމެން ވެސް އެއްބަސްވާނެ އެވެ. އާއްމު ހާލަތުގައި ކަން ކުރަން އޮންނަ އުސޫލުތަކުގެ ތެރެއިން ކުރަން ހިފައިފި ނަމަ، ވެންޓިލޭޓަރުތަކަށް އޯޑަރު ޖަހަން ވެސް އެތައް ދުވަހެއް ހޭދަވާނެ އެވެ. އެތައް މަހެއް ފާއިތުވާއިރު ވެސް ވެންޓިލޭޓަރުތައް ނުލިބި، އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ.

އެކަމަކު، ކުއްލި ހާލަތްތަކުގައި މާލިއްޔަތު ގާނޫނާއި ގަވާއިދުތަކުގެ ބޭރުން، ހާއްސަ އުސޫލުތަކެއްގެ ތެރެއިން ކަންކަން ކުރާއިރު ވެސް ކޮންމެވެސް ހަމަތަކެއް ހިފަހައްޓަން ޖެހެ އެވެ. ހަމަ ހިތުހުރި ގޮތަކަށް ކަންކަން ކުރާކަށް ހުއްދައެއް ނުދެވޭނެ އެވެ. ހާއްސަކޮށް، އެއްވެސް ހާލަތެއްގައި، ރައްޔިތުންގެ މާލިއްޔަތަށް އަތްބާނަން ފުރުސަތެއް ނުދެވޭނެ އެވެ.

ޖުމްލަ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެންމެ ފަހުން ނިންމައިފި އެވެ. އޭސީސީ އަށް ވުރެ ވެސް ކުރިން، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ ވެންޓިލޭޓަރުތައް ގެނައުމުގައި ހުރި ސާފު ސީދާ އޮޅުވާލުންތަކުގެ ތަފްސީލަށް ވަޑައިގެންފަ އެވެ. އެކަމަކު ވެސް ދައުވާކުރެވޭނެ ވަރުގެ ހެކި ހުރި ކަމަކަށް ނުވި އެވެ. ޕީޖީއާ ހިސާބުން ފައިލް ބަންދުވެއްޖެ އެވެ! ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން، މި މައްސަލައިގެ ޒިންމާ އޭނާއާ ހަމައިން ނިމިއްޖެ އެވެ. މި ވަރުގެ ބޮޑު ހިޔާނާތުގެ އަމަލެއް ހިންގަން ދައުލަތުގެ ތެރެއިން ފަހިކޮށްދިން މީހުންގެ ކަހާ ތަން ހިރުވައިވެސް ނުލަ އެވެ. ފައިސާ ދޫކުރި މީހުންނާއި މި ހިޔާނާތުގެ މަންފާ ލިބުނު މީހުން ވީ ތަނެއް ކޮބައިތޯ ބަލާލާނެ ބަޔަކު ވެސް ނެތެ އެވެ. މިއީ ކޮން ކަހަލަ އިންސާފެއްތޯ އެވެ!

ފަހަރުގައި މިއީ ރާއްޖޭގައި އިންސާފު ގާއިމްކުރެވޭ ގޮތް ކަމަށް ވެދާނެ އެވެ. ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުންނެވި ބޭފުޅާ އަށް ލިބުނު "ހަދިޔާ" އިން ވެސް އެކަން ހާމަވެ އެވެ. ޖުމްލަ 800 އަހަރަށް ޖަލަށް ލެވެން އޮތް ކަމަށް އަޑަށް ބާރުލާފައި ބުނި މީހަކަށް ދިނީ އެންމެ 20 އަހަރުގެ ހުކުމެކެވެ. އެއީ ވެސް ގޭގައި، އަނބިދަރިންނާ އެކު އަރާމުގައި ހުންނަ ގޮތަށެވެ. ރާއްޖޭގެ އެންމެ އަގުބޮޑު ރައުސުލްމާލު ކަމަށްވާ ފަޅުރަށްތަކާއި ފަޅުތައް ހިތުހުރި ގޮތަކަށް ނުއަގުގައި ވިއްކައިގެން އެތައް ބިލިއަން ރުފިޔާއެއް އަމިއްލަ ޖީބަށްލައި އޭގެ ފޮނިމީރުކަން ލިބިގަތަސް، އާހިރުގައި ރައްޔިތުންނަށް އަނބުރާ ދޭން ޖެހުނީ އެންމެ ދެ މިލިއަން ރުފިޔާ އެވެ! މިއީ ކޮން ކަހަލަ އިންސާފެއްތޯ އެވެ!

ވެންޓިލޭޓަރު ގެންނަން ހަވާލުކުރުމުގެ ތެރެއިން ހިންގި އެއް މުއާމަލާތެއްގައި ގާނޫނާއި ގަވާއިދާ ހިލާފް އެތައް ކަމެއް ހިންގީ ރައްޔިތުން އެންމެ ހާލުގައި ޖެހިފައި ތިއްބަ އެވެ. ކޮވިޑް-19އާ ގުޅިގެން މުޅި ގައުމުގެ އިގްތިސާދު ހުއްޓި، މުޅި ގައުމު ނޭވާ ހޮޅިއަށް އެޅިފައި އޮއްވައި ހޯދަން އުޅުނު ވެންޓިލޭޓަރުތައް އަދިވެސް ނުލިބެ އެވެ. މާ ބޮޑުވަރު ނުވެ ކޮވިޑުގެ ދެވަނަ ރާޅެއްގެ ތެރެއިން ގައުމު ދަތުރުކޮށްފައި އަމާން އައްސޭރިއަކާ ދިމާލަށް ދަތުރުކުރާކަން އެއީ ހަމަ އަހަރެމެންގެ ނަސީބެވެ. މާތް ރަސްކަލާނގެ ކުޅަދުންވަތަކަމެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި ސަރުކާރުގެ އިތުރުން މުޅި ދައުލަތާ މެދު އޮންނަ އިތުބާރު ހިފަހައްޓަން ޖެހެ އެވެ. މި ބަލިމަޑުކަމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ރައްޔިތުން ބޯލެނބުމާއި ނުލެނބުން ވެސް ގުޅިފައި ވަނީ ސަރުކާރަށް އޮންނަ އިތުބާރާ އެވެ. އެކަމަކު، މި އިތުބާރު ދަމަހައްޓަން މަސައްކަތް ކުރެވޭ ކަމާ މެދު ޝައްކު އުފެދެ އެވެ. ވަޒީރުގެ އިސްތިއުފާއާ ހިސާބުން ބޮޑެތި ވައްކަންތަކާއި ޖަރީމާތައް ނިމޭ ނަމަ ކުރެވޭނެ އިތުބާރެއް ނޯންނާނެ އެވެ!

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް