ކ. ފުށިދިއްގަރުފަޅުގެ މައްސަލައިގަ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ޖިހާދުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި އެސެޓް ރިކަވަރީ ކޮމިޝަނުން ކަމަށެވެ.
ޖިހާދުގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހެޅީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނުނުގެ13 ވަނަ މާއްދާގެ ދަށުންނެވެ. ޕީޖީ އޮފީހުން ބުނީ ޖިހާދުގެ މައްޗަށް އުފުލީ ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރި ކަމުގެ ކުށުގެ ދައުވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓްވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011، ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެންޖެހޭނެ ކަމަށެވެ.
އެކަމަކު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައި އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ. އިތުރަށް ބުނީ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު ގެއްލިފައިވާ ކަމަށެވެ.
ޕީޖީން ނެރުނު ބަޔާނުގައި ވާގޮތުން ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުން ނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި، 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް