ކޮންމެ މީހަކުވެސް ފުރަތަމަ ދަރިފުޅު ލިބޭތީ އުފަލުން ރަނގަޅު ސިއްހަތެއްގައި ހުރުމަށާއި ބަނޑުގައި އޮންނަ ދަރިފުޅަށް ވިސްނައިގެން ހުރިހާ ކަމެއް ކުރިޔަސް ދެ ވަނަ ފަހަރު އެވަރު ނުކުރެވޭނެ ކަމަށް ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ބުނެފި އެވެ.
ސައިފް އަލީ ހާން އާއި ކަރީނާގެ ދެމަފިރިންނަށް ދެ ވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާނު ކުރީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު ތައިމޫރަށް މިއަހަރު ފަސް އަހަރު ފުރޭނެ އެވެ.
ކަރީނާ މީޑިއާގައި ބުނީ ތައިމޫރަށް ބަނޑުބޮޑު އިރު ކާހިއްވި ކޮންމެ އެއްޗެއް ކޭކަމަށެވެ. އަދި ވިހަން ވީއިރު 25 ކިލޯ އިތުރަށް ބަރުވި އިރު އެންމެ ގިނައިން ކެވިފަ ހުންނާނީ ލައްޑޫ ކަހަލަ ފޮނި އެއްޗެހި ކަމަށް ބުންޏެވެ.
އޭނާ ބުނީ މިފަހަރު ބޮޑުބޮޑުވެގެން ކުރިން ކޭވަރަށް ކައިގެން ބަރުދަން އިތުރު ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ބޭނުންވަނީ މިހާރު ކަރީނާ ހުރިގޮތަށް ހިކިކޮށް ހުންނަން ކަމަށެވެ.
ކަރީނާ ބުނީ އޭނާގެ ޑޮކްޓަރުންވެސް ގިނައިން ކެއުމަށް ލަފާ ނުދޭ ކަމަށެވެ. ކަރީނާ ބަނޑު ފުރޭވަރަށް ކެއުމުން ރަނގަޅުވާނެ ކަމަށް ބުނެފައިވާ ކަމަށާއި މިފަހަރު ބަލާނީ އަމިއްލަ ހަށިގަނޑު ރީތިކޮށް ބެހެއްޓޭތޯ ކަމަށް ބުންޏެވެ.
ކަރީނާގެ ބަނޑަށް މިހާރު ފަސް މަހެވެ. އޭނާ ބުނީ ދެވަނަ ދަރިފުޅަށް ބަލިވެ އިނީ އުންމީދުކޮށްގެން ތިއްބައި ކަމަށް ނުވިޔަސް ދެމީހުންވެސް އުފާވި ކަމަށެވެ. އަދި ދެ ވަނަ ދަރިފުޅަށް މަރުހަބާކިޔަން މުޅި އާއިލާ ތައްޔާރުވަމުންދާ ކަމަށް ކަރީނާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް