ލެވަންޑޯސްކީގެ ލަނޑުތަކާއި އެކު ބަޔާންއަށް ބޮޑު މޮޅެއް

ޖަރުމަން ލީގުގައި ރޭ އެއިންޓްރެކްޓް ފްރެންކްފަޓް އާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ 0-5 ގެ ...

25 Oct 2020 | 03:32

ޖަރުމަން ލީގުގައި ރޭ އެއިންޓްރެކްޓް ފްރެންކްފަޓް އާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ 0-5 ގެ ނަތީޖާއަކުންނެވެ.

ރޭގެ މި މެޗުގައި ބަޔާނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އެއިންޓްރެކްޓް ފްރެންކްފަޓްގެ ގޯލާ އަމާޒުކޮށް ވަނީ ފޮނުވާލާފައެވެ. އެގޮތުން މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން 10 ވަނަ މިނެޓުގައެވެ. ކިންގްސްލީ ކޯމަނުގެ އެހީއާއެކު މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. އަދި މެޗުގެ 26 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗުގެ އެހީއާއެކު ލެވަންޑޯސްކީ ވަނީ ދެވަނަ ލަނޑު ޖަހާ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑަކާއި އެކު އޮވެ މެޗުގެ ފުރަތަމަ ހާފު ބަޔާންއިން ނިންމާލިއިރު، މެޗުގެ ދެވަނަ ހާފަށް ކުޅެން ނިކުމެ މެޗުގެ 60 ވަނަ މިނެޓުގައި ބަޔާންއިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑުވެސް ކާމިޔާބު ކޮށްދިނީ ޑަގްލަަސް ކޮސްޓާގެ އެހީއާއެކު ލެވަންޑޯސްކީއެވެ. މި މެޗުގައި ލެވެންޑޯސްކީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު، މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ލެރޯއި ސާނޭ ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޖަމާލް މުސިއާލާއެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން އާއި ތިންވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށްވެސް ވަނީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ލިބިފައެވެ.

ޖަރުމަން ލީގުގެ ތާވަލުގެ އެއްވަނައިގައި 13 ޕޮއިންޓާއި އެކު މިވަގުތު އޮތީ އާރްބީ ލެއިޕްޒީގެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް