އިޓާލިއަން ސެރިއޭގައި ރޭ ޖެނޯއާ އާއި ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިލާން މޮޅުވެއްޖެއެވެ.
ޖެނޯއާގެ ދަނޑުގައި ކުޅުނު މި މެޗުން އިންޓަ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އިންޓައިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސ،ް މެޗުގެ ފުރަތަމަ ހާފު ނިންމާލަން ޖެހުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވި އޮވެއެވެ. އެގޮތުން މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ އިންޓަ މިލާނުން މެޗުގެ ލީޑު ނެގީ 64 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމުން ކާމިޔާބު ކުރީ ނިކޯލޯ ބަރެއްލާގެ އެހީއާއެކު ފޯވާޑް ރޮމެލޫ ލުކާކޫއެވެ. މިއީ އިންޓަ އާއި ބެލްޖިއަމުގެ ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ފަހުން ކުޅެދިން 13 މެޗުގައި ލުކާކޫ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ.
މި މެޗުގައި ދެވަނަ ލަނޑު ޖަހާ އިންޓައިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. އަންދްރެއާ ރަނޯކިއާ ނަގައިދިން ކޯނަރަކުން މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ ޑެނީލޯ ޑަމްބްރޯސިއޯއެވެ.
މި މޮޅާއެކު އިންޓަ އޮތީ ތާވަލުގެ ތިންވަނައިގައި ފަސް މެޗުން 10 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް އޭސީ މިލާނަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސަސުއޯލޯއަށް ފަސް މެޗުން ވަނީ 11 ޕޮއިންޓް ލިބިފައެވެ. އަދި އިންޓަ އަތުން ބަލިވި ޖެނޯއާ އޮތީ ތާވަލުގެ 15 ވަނައިގައި ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް