ފަހަތުން އަރާ ޝެފީލްޑްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދައިފި

އިނގިރޭސި ޕްރިމިއާލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރާ ލިވަޕޫލް މޮޅުވެއްޖެއެވެ. ރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވީ ޝެފީލްޑް އަތުން ފަހަތުން ...

25 Oct 2020 | 02:59

އިނގިރޭސި ޕްރިމިއާލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރާ ލިވަޕޫލް މޮޅުވެއްޖެއެވެ.

ރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވީ ޝެފީލްޑް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލުގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައި ނުވާއިރު، މެޗުގެ 13 ވަނަ މިނެޓުގައި ޝެފީލްޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޝެފީލްޑަށް ކާމިޔާބުކޮށްދިނީ ސަންޑާ ބާޖެވެ. މިއީ ލިވަޕޫލުގެ ފަބީނިއޯ ޕެނަލްޓީ އޭރިއާ ރޮނގު މަތިން ޝެފީލްޑުގެ އޮލިވިއާ މެކްބާނީއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ފަބީނިއޯގެ މި ފައުލާ ގުޅިގެން އެންމެ ފުރަތަމަ ޝެފީލްޑަށް ހިލޭ ޖެހުމެއް ދިނުމަށް ރެފުރީ ނިންމި ނަމަވެސް، ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ވަނީ ޝެފީލްޑަށް ޕެނަލްޓީއެއް ދީފައެވެ.

އެކަމަކު ލިވަޕޫލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރޮބާޓޯ ފިރްމީނޯއެވެ.

މި މެޗުގެ 62 ވަނަ މިނެޓުގައި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ހުރަސްކޮށްދިން ބޯޅައަކުން ފޯވާޑް މުޙައްމަދު ސަލާހު ލިވަޕޫލަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީއޭއާރުން އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ސަޑިއޯ މާނޭ ހުރަސްކޮށްދިން ބޯޅައަކުން ފޯވާޑް ޑިއޭގޯ ޔޮޓާ ވަނީ ލިވަޕޫލަށް މި މެޗުގައި ލީޑު ނަގައިދީފައެވެ.

މި މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ހަ މެޗުން 13 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދާފައިވާ އެވަޓަނެވެ. ލިވަޕޫލް އަތުން ބަލިވި ޝެފީލްޑް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަ މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް