އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޝެފީލްޑް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވެއްޖެއެވެ.
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ.
ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޔުނައިޓެޑުން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ފޮނުވާލި ދެ ހަމަލާއެއް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ ދިފާއުކުރިއިރު ބްރޫނޯ ފަނާންޑޭސް ފޮނުވާލި ހަމަލާއެއް ވެސް އޭނާ ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި ޔުނައިޓެޑުން ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ކުޅެން އަރުވާފައެވެ. އޭނާ ކުޅެން އަރާ ފުރަތަމަ ބޯޅައިގައި ނުރައްކާތެރި ހަމަލާއެއް އުފެއްދިއިރު، އެ ހަމަލާ މެންޑީ ދިފާއުކުރިއެވެ. އަދި މެޗު ނިމެން ގާތްވެފައި ވަނިކޮށް ރަޝްފޯޑް ފޮނުވާލި ނުރައްކާތެރި ހަމަލާއެއްވެސް މެންޑީ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.
އެންމެފަހުން ކުޅުނު ދެ މެޗުން ވެސް އެއްވަރުވި ޗެލްސީ އަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު މުޅި މެޗުގައި ވެސް އެޓީމަށް ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
މި ނަތީޖާއާއެކު 9 ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ ހަވަނައިގައެވެ. ޔުނައިޓެޑް އޮތީ ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެ 7 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް