މިއީ މީސްމީޑިއާގެ ޒަމާނެވެ. މިއަދުގެ މި މުޖުތަމައުގައި މީސްމީޑިއާ ބޭނުން ނުކުރާ ހަމަ އެކަކުވެސް ނުހުންނާނެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
މީސްމީޑިއާގެ ނުފޫޒު މުޅި ދުނިޔޭގައި ފެތުރި ފައިވާ މިޒަމާނުގައި، މީސްމީޑިއާގެ ސަބަބުން ވަރަށް ގިނަ މަންފާތަކެއް ވެސް ކުރެއެވެ. އަދި އެ މަންފާތަކަކީ އިސްލާމްދީނުގެ އެންގެވުންތަކާ އެއްގޮތް ނުހަނު ބޭނުންތެރި މަންފާތަކެއްވެސްމެއެވެ. މަންފާތަކާ އެއްގޮތަށް، މީސްމީޑިއާއިން ލިބިގަންނަ ނޭދެވޭ ކަންތައްވެސް މަދެއްނޫނެވެ.
މީސްމީޑިއާ އޭގެ ޒާތުގައި ގޯހިއްޔެއްނޫނެވެ. އެ ބޭނުންކުރާ ގޮތަކުން ގޯސް ވަނީއެވެ.
މިއަދު ދިމާވަމުން އަންނަ އެންމެ ބޮޑު އެއް މައްސަލައަކީ މީސްމީޑިއާގައި ދައުރުވާ ބައެއް ހަޤީޤަތާއި ޚިލާފު ޕޯސްޓުތަށް ނުވަތަ ސްޓޭޓަސްތައް ތަނެއް ދޮރެއް ނުބަލާ ޝެއަރ ކުރަމުން ގެންދިއުމެވެ.
އެގޮތުން ތަފާތު ވަސީލަތްތަކުން ފެންނަ ޕޯސްޓުތައް އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯވެސް ބަލައިލުމެއްނެތި ފަސޭހައިން ގަބޫލުކޮށް އެތަކެތި އެކި ދިމަދިމާއަށް ބަހާލުމުގައި އަވަސްވެގަންނަމީހުން ގިނައެވެ.
ދީނަށް ނަޞްރު ދިނުމުގެ ނިޔަތުގައި އުޅޭ ބައެއްމީހުންވެސް މިފަދައިން ކަންތައްކުރެއެވެ. ދޮގު ހަދީސްތަކާއި، ޝަރީޢަތުގެ ޙުކުމްތައްކަމަށް ބުނެ މީހުން ފަތުރާ އެކަށީގެންނުވާ ވާހަކަތަކާއި، ޤުރުއާނުގައި ނުވަތަ ޞައްޙަ ހަދީސްގައި އައިސްފައިވާ ބަސްފުޅުތައްވެސް ކޮންމެވެސް ޝައިޚެއްގެ ބަސްކަމަށް ހަވާލާދީފައި ހުންނަ ޕޯސްޓުތައް ފަތުރާ ހަދަައެވެ.
މިއީ ހެޔޮ ނިޔަތުގައި ކުރާ ގޯސްކަމެކެވެ. ﷲގެ އެންގެވުމާ ޚިލާފު ކަމެކެވެ. ބިރުހުރި ކަމެކެވެ. ﷲ ވަޙީކުރައްވާފައިވެެއެވެ.
"އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއްނުވާ ކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނޭ ކަމެއްކަމުގައިވިއެވެ."[އިސްރާ: 34]
އެހެންކަމުން މިފަދަ ކަންކަމަކީ ވަރަށް ބޮޑަށް ވިސްނާ ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. މީސްމީޑިއާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން މިފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރި ވަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް