ކުޅުދުއްފުށީ ސިޓީން މީހަކު ޕޮސިޓިވްވެ ނޮޅިވަރަމް އާއި ދެ ރަށް މޮނިޓަރިންއަށް ލައިފި އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ ކުޅުދުއްފުށީ ބޯޓެއްގައި މަސައްކަތް ކުރާ ކްރޫއެއް ކަމަށެވެ. އެމީހާ ބައްޔަށް ޓެސްޓު ކުރީ ކޯވިޑްގެ އަލާމާތްތައް ފެންނަން ފެށުމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޮޅިވަރަމް މޮނިޓަރިންއަށް ލީ އެ ބޯޓު އެ ރަށަށް ދަތުރުކޮށްފައިވާތީ އެވެ. ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ޕޮސިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށެވެ.
މި ދެ ރަށުގެ އިތުރުން ކޯވިޑާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރައި ފޭބުން މަނާކޮށްފައި އޮތީ ގދ. ހޯނޑެއްދޫގައި އެވެ. އެ ރަށުގައި ހޯމް ކަރަންޓިންގައި ތިބި ދެ މީހެއްގެ ފަރާތުން ވައިރަސް ފެތުރި 45 މީހަކު މިހާތަނަށް ޕޮސިޓިވްވެފައިވެ އެވެ.
މިއަދު ރާއްޖެއިން 75 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު އޭގެ ތެރެއިން ނުވަ މީހުންނަކީ އަތޮޅުތެރެއިން ޕޮސިޓިވްވި މީހުންނެވެ. އަތޮޅު ތެރެއިން ގިނައިން ޕޮސިޓިވްވަމުން ދަނީ މާލެއިން ގޮސް ހޯމް ކަރަންޓީން ފުރިހަމަ ކުރާ މީހުންނެވެ.
މިވަގުތު އަތޮޅު ތެރޭގެ 22 ރަށެއްގައި 47 ހަތް ޕޮސިޓިވް މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
މިހާތަނަށް ރާއްޖެއިން 10،014 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް