ސައުދީ ރަސްގެފާނަށް އީރާނުން ހޫނު ރައްދެއް ދީފި

ދުނިޔޭގެ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވި އދ.ގެ 75 ވަނަ ޖެނެރަލް އެސެމްބްލީގައި ސައުދީއަރަބިއްޔާގެ ރަސްގެފާނު މުހައްމަދު ބިން ސަލްމާން އަލް ސައުދު އިރާނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަަކަށް އީރާނުން ...

25 Sep 2020 | 15:37

ދުނިޔޭގެ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވި އދ.ގެ 75 ވަނަ ޖެނެރަލް އެސެމްބްލީގައި ސައުދީއަރަބިއްޔާގެ ރަސްގެފާނު މުހައްމަދު ބިން ސަލްމާން އަލް ސައުދު އިރާނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަަކަށް އީރާނުން ހޫނު ރައްދެއް ދެއްވައިފި އެވެ.

އދ. ބައްދަލުވުމުގައި ސަލްމާން ރަސްގެފާނު ވަނީ އިރާނުން ދުނިޔެ ފަނާކުރަނިވި ހަތިޔާރު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވަން ދުނިޔޭގެ ގައުމުތަކުގެ ކިބައިން އެއްބާރުލުމަށް އެދިފަ އެވެ.

އިރާނާ ދުނިޔޭގެ ބޮޑެތި ބާރުތަކާ ގުޅިގެން އެކުލަވާލި ނިއުކުލިއަރ އެއްބަސްވުމަށް އިޝާރަތް ކުރައްވައި ރަސްގެފާނު ވިދާޅުވީ އެ އެއްބަސްވުމުގައި ފައިދާ ނަގައި އިރާނުން މަސައްކަތް ކޮށްފައި ވަނީ އީރާނުގެ ބާރު މެދުއިރުމަތީގައި ގަދަކޮށް ޓެރަރިސްޓް ހަރަކާތްތައް އިތުރުކުރުމަށް ކަމަށެވެ.

އީިރާނާ އެކު މިހާތަނަށް ކުރި މުއާމަލާތްތަކުން މާބޮޑު ނަތީޖާއެއް ނިކުމެފައިނުވާ ކަމަށާާއި އެހެންކަމުން ދުނިޔޭގައި ހަމަޖެހުން ގާއިމްކުރަން ބައިނަލްއަގުވާމީ ގައުމުތަކުގެ އެއްބާރުލުން ވީހާވެސް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްގެފާނުގެ ވާހަކަތަކަށް ރައްދުދެއްވައި އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސައީދު ޚަތީބުޒާދޭ ވިދާޅުވީ ސައުދީގެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި މުޅި މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަނީ ސައުދީން ކަމަށެވެ.

މިއީ ޔަމަންގައި ކުރަމުންދާ ހަނގުރާމައިގައި ސައުދީއަށް ކާމިޔާބު ނުލިބި ޔަމަންގައި ސައުދީން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ހުރެ އެހެން ގައުމުތަކުގެ ބޮލުގައި ކަންކަން އަޅުވައިގެން ކަންކަމުން ރެކެން ދެއްކި ވާހަކަތަކެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައުދީން ޔަމަނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން މިހާރު ވަނީ 5 އަހަރު ވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް