ބެލަރުސްގެ ރައީސާ ދެކޮޅަށް މުޒާހަރާކުރި 360 މީހުން ހައްޔަރުކޮށްފި

ބެލަރުސްގެ ރައީސް އެލެގްޒެންޑްރާ ލުކާޝެންކޯ އާއި ދެކޮޅަށް އެޤައުމުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން 360 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފި އެވެ. ލުކާޝެންކޯ އާއި ...

25 Sep 2020 | 14:23

ބެލަރުސްގެ ރައީސް އެލެގްޒެންޑްރާ ލުކާޝެންކޯ އާއި ދެކޮޅަށް އެޤައުމުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން 360 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފި އެވެ.

ލުކާޝެންކޯ އާއި ދެކޮޅަށް ބެލަރުސްގެ ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ކުރަމުން ދަނީ ދާދިފަހުން އެޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ބުނެ އެވެ.

ލުކާޝެންކޯ ހަވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތް އިރު، އެމަނިކުފާނު ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި ރައީސްކަމުގެ ހުވާކުރައްވާފަ އެވެ. ނަމަވެސް ހުވާކުރުމުގެ އެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރު ރަސްމިއްޔާތެއްގެ ގޮތުގަ އެވެ.

ލުކާޝެންކޯ މަޤާމުގެ ހުވާކުރެއްވިކަން ވެސް ގިނަ ބަޔަކަށް އެނގުނީ، ހުވާކުރެއްވި ފަހުން ކަމަށްވާ އިރު، މިކަމާ ގުޅިގެން ބެލަރުސްގެ އެތައް ހާސް އާންމު ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ މުޒާހަރާގައި ބައިވެރިވެފަ އެވެ. އަދި މުޒާހަރާތައް ހޫނުވެ، ބައެއް މީހުން ވަނީ ސަލާމަތީ ބާރުތަކާ ކުރިމަތިލާފަ އެވެ.

ލުކާޝެންކޯ ވިދާޅުވެފައި ވަނީ ބެލަރުސް ގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކަކީ އެޤައުމުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް ބޭރުގެ އެހީއާއެކު ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި އެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ، މުޒާހަރާގެ ބައިވެރިންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ކުރިން ދެއްވާފަ އެވެ.

ބެލަރޫސްގެ ރިޔާސީ އިންތިޚާބުން ލުކާޝެންކޯ ކާމިޔާބު ހޯއްދަވާފައި ވަނީ 80 އިންސައްތަ ވޯޓުންް ނެވެ. ނަމަވެސް މި އިންތިޚާބުގެ ކުރިން ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓަލުން ލުކާޝެންކޯގެ މައްޗަށް އިދިކޮޅު ކެންޓިޑޭޓް ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފަ އެވެ.

ބެލަރުސްގެ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިޔަށް ދިޔަ ގޮތާއި މެދު ހުޅަނގުގެ ބައެއް ޤައުމުތަކައި އީޔޫފަދަ ޖަމާޢަތްތަކުން ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް