ޢީބަ ބުނުމުގެ ފާފައިގެ ބޮޑުމިން ބިނާވަނީ އެވާހަކަ އަޑުއިވޭ މީގުންގެ އަދަދުގެ މައްޗަށް

ދުލުން ކުރެވޭ ނުބައި ކަންތައްތަކުގެ ތެރޭގައި ޣީބަ ބުނުން ހިމެނެއެވެ. ޣީބަ ބުނުމަކީ އަޅުގަނޑުމެންނަށް އެނގިގެންނަމަވެސް އަދި ނޭނގިނަމަވެސް ކުރެވޭ ވަރަށް ނުބައި ކަމެކެވެ. އަދި މިއީ އެހާމެ ނުރައްކާތެރި ކ...

25 Sep 2020 | 11:50

ދުލުން ކުރެވޭ ނުބައި ކަންތައްތަކުގެ ތެރޭގައި ޣީބަ ބުނުން ހިމެނެއެވެ. ޣީބަ ބުނުމަކީ އަޅުގަނޑުމެންނަށް އެނގިގެންނަމަވެސް އަދި ނޭނގިނަމަވެސް ކުރެވޭ ވަރަށް ނުބައި ކަމެކެވެ. އަދި މިއީ އެހާމެ ނުރައްކާތެރި ކަމެއްވެސް މެއެވެ. ޣީބަ ބުނުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން މާތްﷲ ޥަޙީ ކުރައްވަނީ:

وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِ‌هْتُمُوهُ

މާނައީ: ” އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. “

ކަމަކީ މިހާ ނުރައްކާތެރި ކަމެކެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ޢީބަ ބުނެ ހެދުމަކީ އުފަލެއްކަމުގައި ދެކޭ މީހުން މަދެއް ނޫނެވެ. އެއްވެސް މުސްލިމަކީ އަނެއް މުސްލިމާގެ ޣީބަ ބުނެހަދާ މީހަކަށް ވެގެން ނުވާނެއެވެ.

އެމީހަކާއިމެދު ދެކެވޭ ވާހަކައަކީ ތެދެއް ކަމުގައިވިޔަސް ނުވަތަ ދޮގެއް ކަމުގައިވިޔަސް އެވާހަކައެއް ދެއްކުމަކީ ތިމާގެ އަޚާ ނުރުހޭ ކަމެއް ކަމުގައިވަނީނަމަ އެކަމަކުން ތިމާ މަނާ ވެގަންނަން ޖެހެއެވެ. ކީރިތި ރަސޫލާ صلى الله علىه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

” ޣީބަ ބުނުމަކީ ތިމާގެ މުސްލިމް އަޚާ ނުރުހޭ ވާހަކައެއް ދެއްކުމެވެ.” ދެން ޞަޙާބީއަކު އެއްސެވިއެވެ. ” އެކަމަކު ތިމަންމެން ހަދަނީ ތެދުކަމުގައި ވަނީނަމަވެސްތޯއެވެ؟ ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ. ” ކަލޭހެދީ ތެދު ކަމުގައިވަނީ ނަމަ ކަލޭ ޣީބަ ބުނެފިއެވެ. އަދި ކަލޭ ހެދީ ދޮގު ކަމުގައިވާނަމަ ކަލޭ އަބުރާބެހެފިއެވެ. “

އަޅުގަނޑުމެންގެ ދުލުން ބޭރު ކުރެވޭ ކޮންމެ ބަހެއްވެސް ވާންޖެހެނީ ވަރަށް ވިސްނުންތެރިކަމާއިއެކު ބޭރު ކުރެވޭ ބަހަކަށެވެ. އެހެންނޫނީ ފަހުން އަޅުގަނޑުމެން ހިތާމަ ކުރަން ޖެހިދާނެއެވެ. ދުލުން ކުރެވޭ ކުޑަކުޑަ ޢިޝާރާތަކުންނަމަވެސް އަޅުގަނޑުމެންނީ ނަރަކައިގެ އަހުލު ވެރީން ކަމުގައި ވެގެން ހިނގައިދާނެއެވެ. މިކަމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ކީރިތި ރަސޫލާ صلى الله علىه وسلم ޙަދީޘްކުރެއްވި ޙަދީޘް ފުޅެއްގެ މާނައިގައި ވެއެވެ

އެއްވެސް ވިސްނުމަކާ ނުލާ މީހެއްގެ ދުލުން ބޭރުކުރާ ބަސްތަކެއްގެ ސަބަބުން އިރުމަތީ ފަރާތާއި ހުޅަނފު ފަރާތާއި ދެމެދުގައިހުރި ދުރުމިނަށް އޭނާ ނަރަކައިގެ ތެރެއަށް އެއްލައިލެވޭނެތެވެ. “

ޣީބަ އަކީ ހަމައެކަނި ދުލުން ބުނެވޭ ބަހެއް ނޫނެވެ. ތިމާއަށް ކުރެވޭ ކިތަންމެ ކުޑަ ޢިޝާރާތަކުން ނަމަވެސް ޣީބަ ބުނެވިދާނެއެވެ. މިގޮތުން އެއްދުވަހަކު ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ގެއަށް އަންހެނަކު ޒިޔާރަތްކުރިއެވެ. އެ އަންހެންމީހާ އެނބުރި ދިއުމުން  އެއީ ކުރު އަންހެނެކޭ ބުނުމުގެ ނިޔަތުގައި އެކަމަނާ އަތުން ޢިޝާރާތް ކުރެއްވިއެވެ. އެތަން ދެކެވަޑައިގެން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” ކަމަނާ ޣީބަ ބުނެފިއެވެ. “

ދަންނާށެވެ. ޢީބަ ބުނުމުގެ ފާފައިގެ ބޮޑުމިން ބިނާވަނީ އެވާހަކަ އަޑުއިވޭ މީގުންގެ އަދަދުގެ މައްޗަށެވެ. ވަޢީދު އައިސްފައިވަނީ އެންމެ މީހެއްގެ ގާތު ޢީބަބުނުމުގެ މައްޗަށެވެ. އެތައް ހާސް މީހުންގެ ގާތު ޢީބަބުނުމުގެ ފާފަ ކިހާ ބޮޑުވާނެތޯއެވެ.

މީޑިއާގެ ވަޞީލަތެއްގައި މީހެއްގެ ޢީބަބުނެ، ދޭތެރެ ޖައްސައި، ދޮގު ބުހުތާން ހަދާމީހާ، ދަންނާށެވެ. އެ މީޑިއާގެ ވަޞީލަތަކުން ކިޔާ ނުބަތަ އަޑުއަހާ ކޮންމެ މީހެއްގެ ގާތުގައި އެވާހަކަ ތަކުރާރު ކުރާފަދައެވެ.

ވީމާ މިކަމުން ސަލާމަތްވެ ތިބުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށް ނަޞޭޙަތްތެރިވާ ޙާލު އަޅުގަނޑުގެ އެންމެހައި އަޚުންނާއި އުޚްތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.

މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ދިސަލަފިއްޔާއިންނާއި ބައެއް ޝައިޚުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބައެއް ދީނީ މަޢުލޫމާތު ޕޯސްޓު ތަކުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް