ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ބޯޓު މާދަމާ ފަތިހު ކުޅުދުއްފުށި ބަނދަރަށް އަންނާނެ ކަމަށް އެމަސައްކަތުގެ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ޝިޕިންގ ލައިންއިން ބުނެފި އެވެ.
ޝިޕިންގ ލައިން އިން ބުނީ މާދާމާގެ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެންނާނެ ކަމަށެވެ. އަދި މި ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރާނީ ހޮނިހިރު ދުވަހު ފަތިހު 5:00 ހާއިރު ކަމަށެވެ.
އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ސެޕްޓެމްބަރު 21 ވަނަ ދުވަހު ރަސްމީކޮން ފަށާފައިވާ އިރު، 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ ކާގޯ ފެރީ އިން ގެންނަ މުދާ ބޭލުމުގެ ކަންކަން ކުރާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުން ކަަމަށްވެސް ވަނީ ބުނެފައެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށީ ސިޓީއަށް 500 ޓަނުގެ ސިމެންތިއާއި ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރ ގެންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 6 މަސްދުވަހުވެސް ދަތުރުކުރާނީ މި ކާގޯ ފެރީ ކަމަށެވެ.
ކާގޯ ފެރީގެ ޚިދުމަތް ފެށިގެން އަންނައިރު، އިންޑިއާއިން ވަނީ ޚިދުމަތް ސަބްސިޑައިޒްކޮށް 3 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖައްސާފަ އެވެ.
މިއީ ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިއާ (އެސް.ސީ.އައި) އިން އޮޕަރޭޓްކުރާ އެމް.ސީ.ޕީ ނަމަކަށްކިޔާ ކާގޯ ފެރީ އެކެވެ.
މި ބޯޓުގައި 20 ފޫޓު، 8 ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭ އިރު، އެއީ 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯއެވެ. ކާގޯ ފެރީ މަހަކު ދެފަހަރު މުދާ ހިފައިގެން ރާއްޖެ އަންނާނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ބޯޓު އިންޑިއާއަށް ދިއުމާއި ރާއްޖެއަށް އަނބުރާ އައުމަށް ކުރާ ކޮންމެ ދަތުރުތަކަށް 10 ދުވަސް ނުވަތަ 12 ދުވަސް ހޭދަވާނެ އެވެ. އަދި މި އުޅަނދުގައި ވަނީ ފިނުކުރި މުދާ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
އިންޑިއާއާ ރާއްޖެ އާ ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް